ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ގޮނޑިތަކަށް މެމްބަރުން އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަނާ ބެހޭ ގޮތުން މީޑިއާ އަށް ޖަވާބު ދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފަސްޖެހިއްޖެ އެވެ.

އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލު ވެގެން ނުވަތަ ވަކި ވެގެން ނުވަތަ ވަކިކޮށްގެން މިހާތަނަށް ނުވަ މެމްބަރެއްގެ ގޮނޑި ވަނީ ގެއްލިފަ އެވެ.

ހުސްވެފައިވާ ގޮނޑިތަކަށް މެމްބަރުން އިންތިހާބު ކުރުމަށް، އިންތިހާބު ބާއްވަން ޖެހޭ މުއްދަތު މިހާރު ވަނީ ފަހަނައަޅައިފަ އެވެ. ނަމަވެސް އިލެކްޝަނުން އިންތިހާބާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް އަދި ދައްކާފައެއް ނުވެ އެވެ.

އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަމްޖަދު މުސްތަފާއަށް ތަކުރާރުކޮށް ގުޅުމުން ވެސް ފޯނަށް ޖަވާބެއް ނުދެއްވަ އެވެ. މެސެޖް ކުރުމުން މެސެޖް ބެލުމަށް ފަހު މެސެޖަކަށް ވެސް ޖަވާބެއް ނުދެއްވި އެވެ.

އިންތިހާބު ނުބާއްވާތީ އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުން ވަނީ އީސީއަށް އަމާޒުވެފަ އެވެ.