07 Jan 2018, 11:51
މިއަހަރުގެ ދިރާސީ އައު އަހަރު ފެށެންވާއިރަށް ހުރިހާ ސްކޫލަކަށްވެސް ބޭނުންވާ އަދަދަށް ޓީޗަރުން ހަމަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ދިރާސީ އައު އަހަރު މިމަހުގެ 14 ވަނަ ދުވަހު ފަށާއިރު ބައެއް ސޫކުލުތަކަށް ބޭނުންވާ ވަރަށް މުދައްރިސުން ނުލިބޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ މައްސަލާގައި "ސަން"އާ ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ހިއުމަން ރިސޯސް ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި މުހައްމަދު ވަހީދު ވިދާޅުވީ، މުދައްރިސުން ހަމަނުވާނެ ކަމަށް ބުނެ ފާޑުކިޔަމުންދަނީ އެއްވެސް ހަގީގަތެއް އޮވެގެން ނޫން ކަމަށެވެ. އޭނާ ވިދާޅުވީ، ކިޔެވުން ފެށޭއިރު ހުރިހާ ސްކޫލެއްގައިވެސް މުދައްރިސުން ހަމަވާނެ ކަމަށެވެ.
"މިނިސްޓްރީން ޔަގީންކަން ދެން މިފެށޭ ދިރާސީ އައު އަހަރު އެއްވެސް ސްކޫލެއްގެ އެއްވެސް ކުއްޖަކު ގެއަކަށް ނުދާނެ ކްލާހުގައި ޓީޗަރެއް ނެތިގެން. ކޮންމެ މާއްދާއަކަށްވެސް މުދައްރިސުން ހަމަވާނެ،" ވަހީދު ވިދާޅުވިއެވެ.
ވަހީދު ވިދާޅުވީ، އެ މިނިސްޓްރީން ހޯދަން އިއުލާންކޮށްފައިވާ 400 ޓީޗަރުންގެ ތެރެއިން ގިނަ ޓީޗަރުން މިހާރުވެސް ލިބިފައިވާ ކަމަށާއި އަދި ޕްރީ ސްކޫލުތަކަށް ހޯދަން އިއުލާންކުރި 600 ޓީޗަރުން މިހާރުވެސް ލިބިފައިވާ ކަމަށެވެ.
"މިހާރުވެސް ޕްރީސްކޫލަށް ބޭނުންވާ 600 ޓީޗަރުން ވަނީ ހަމަވެފައި. އަދި މި ހަފްތާ ތެރޭގައި ހޯދަން އިއުލާންކުރި 400 ޓީޗަރުންވެސް ހަމަވާނެ ކަމުގެ ޔަގީންކަން އެބައޮތް،" ވަހީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ދިވެހިން ނުލިބޭ މާއްދާތައް ކިޔަވާދިނުމަށް މިއަހަރު 120 ބިދޭސީ ޓީޗަރުން މުޅިން އަލަށް ގެނައުމަށް ހަމަޖެހިފައިވާ ކަމަށާއި އެކަމަކު އަދިވެސް މަސައްކަތް ކުރަނީ އެ މާއްދާތައް ކިޔަވާދޭނެ ދިވެހިން ހޯދަން ކަމަށެވެ. އޭނާ ވިދާޅުވީ، އެ 120 ބިދޭސީ ޓީޗަރުންގެ ކަންކަން ޕްރޮސެސް ކުރަން ފަށާނީ އެ މަގާމުތަކަށް ދިވެހިން ނުލިބިއްޖެ ކަމުގައިވާނަމައެވެ.
ވަހީދު ވިދާޅުވީ، ޓީޗަރުންނެކޭ އެއްގޮތަށް ކިޔެވުން ފެށެންވާއިރަށް ޕްރިންސިޕަލުންވެސް ސްކޫލުތަކަށް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ދިވެހިން ނުލިބޭ ސްކޫލުތަކަށް ބިދޭސީ ޕްރިންސިޕަލުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ރާއްޖޭގެ ސްކޫލުތަކުގައި މިދިޔަ އަހަރު 8000 އަށްވުރެ ގިނަ މުދައްރިސުން ވަނީ މަސައްކަތްކޮށްފައެވެ. އެއީ ޖުމްލަ 212 ސްކޫލެވެ.