ޑިޕްރެސްޑް ނޫނީ ހާސްކަމުގައިވާ އަންހެނުންނަށް ސްޓްރޯކެއް ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ބީބީސީ އިން ބުނި ގޮތުގައި 80000 އަންހެނުންގެ ކަންތައްތައް ބަލައި ދިރާސާކުރުމުން ހާމަވެފައި ވަނީ ޑިޕްރެޝަންގެ ތާރީހެއް އޮތް އަންހެނުންނަށް ސްޓްރޯކެއް ޖެހުމުގެ ފުރުސަތު އެނޫން މީހުންނަށް ވުރެ 29 ޕަސެންޓް އިތުރު ކަމަށެވެ.

ޖާނަލް އޮފް ދަ އެމެރިކަން ހާޓް އެސޯސިއޭޝަންގައި ޝާއިއުކޮށްގައިވާ ސްޓްރޯކް ޖެހުމާ ބެހޭ ދިރާސާ ރިޕޯޓަކާ ހަވާލާދީ ބީބީސީ އިން ބުނި ގޮތުގައި ޑިޕްރެސް ވެފައިވާ މީހުން އެމީހުންގެ އަމިއްލަ އާއްމު ސިއްހަތާ މެދު ފަރުވާތެރި ނުވެދާނެ ކަމަށް ޑޮކްޓަރުން ސަމާލުވާން ޖެހޭނެ އެވެ.

އެ ރިޕޯޓްގައި ސްޓްރޯކާ ބެހޭ އެމެރިކާގެ މާހިރުން ބުނެފައި ވަނީ ޑިޕްރެޝަން ހުންނަ މީހުން ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުވަނީ ހަމަ އެކަނި ޑިޕްރެޝަންގެ ސަބަބުން ކަމަކަށް ނުބެލެވޭ ކަމަށެވެ.

އެމެރިކާގެ މާހިރުން ކުރި މިދިރާސާގައި ބޭނުންކޮށްފައި ވަނީ އުމުރުން 54 އަހަރާއި 79 އަހަރާ ދެމެދުގެ މީހުންގެ މައުލޫމާތެވެ. އަދި 1970ގެ އަހަރުތަކުން ފެށިގެން އެ މައުލޫމާތު އެއްކުރުމަށް ފަހު ދިރާސާ ކޮށްފައި ވަނީ 2000 ވަނަ އަހަރާއި 2006 ވަނަ އަހަރާ ދެމެދު ކަމަށް ދަ ޖާނަލް އޮފް އެމެރިކަން ހާޓް އެސޯސިއޭޝަންގައިވެ އެވެ.
އެމީހުންގެ މައުލޫމާތު އެއްކޮށްގެން ދިރާސާކުރަން ފެށި އިރު އޭގެ ތެރެއިން އެކަކަށް ވެސް ސްޓްރޯކެއް ޖެހިފައެއް ނުވެ އެވެ. ނަމަވެސް މައުލޫމާތު އެއްކުރި މީހުންގެ ތެރެއިން 22 ޕަސެންޓް މީހުންނަށް ވަނީ ޑިޕްރެޝަންގެ އުދަނގޫ ޖެހިފަ އެވެ.

ޑިޕްރެސް ނުވާ އަންހެނުންނާ ހިލާފަށް ޑިޕްރެސް ވެފައިވާ އަންހެނުން ކައިވެންޏެއް ނުކޮށް ތިބުމާއި ދުންފަތުގެ އިސްތިއުމާލް ކުރުން އަދި ހަރަކާތް މަދުކޮށް ތިބުން ވެސް ގިނަ ކަމަށް ދިރާސާ އިން ދެއްކި އެވެ. އަދި ލޭމައްޗަށް ދިއުމާއި ހިތުގެ ބަލި ޖެހުމާއި ފަލަވުން ވެސް އެމީހުންގެ ތެރޭގައި ގިނަކަން ފާހަގަ ކުރެވުނެވެ.

އެ ހުރިހާ ކަންތައްތަކަކާ އެކު ދިރާސާގެ މުއްދަތުގެ ތެރޭގައި އޭގެ ތެރެއިން 1033 މީހުންނަށް ސްޓްރޯކް ޖެހުނެވެ.
ދިރާސާ އިން ހާމަވެފައިވާ ގޮތުގައި ޑިޕްރެޝަންއަށް ބޭސްކާ މީހުންނަށް ސްޓްރޯކެއް ޖެހުމުގެ ފުރުސަތު 39 ޕަސެންޓަށް އިތުރެވެ. ދިރާސާކުރުމުގައި ބައިވެރިވެވަޑައިގެންނެވި ޑރ. ކެތަރިން ރެކްސްރޯޑް ވިދާޅުވަނީ އެއީ ބޭހާ ގުޅިގެން ވާކަމެއް ނޫން ކަމަށެވެ. ނަމަވެސް އެހެން އެކަން އެވަނީ ބޭސްކަނީ ޑިޕްރެޝަންގެ އުނދަގޫ ބޮޑަށް ޖެހޭ މީހުން ކަމަށް ވާތީ އެވެ.

ޑިޕްރެސް ވެފައިވާ މީހުންނަށް ސްޓްރޯކް ޖެހޭ ނިސްބަތް އިތުރުކަމަށް ދެއްކި ނަމަވެސް ސްޓްރޯކް ޖެހުމާ ޑިޕްރެޝަންއާ ސީދާ ގުޅުމެއް ހުރިކަމެއް ނުވަތަ ނޫން ކަމެއް އަދި އެ ދިރާސާއަކުން ހާމައެއް ނުވެ އެވެ.