ތެހެރާން (ޖެނުއަރީ 7): ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން ހިތްވަރު ދެއްވި ކަމަށް ބުނެ އީރާނުގެ ކުރީގެ ރައީސް މަހުމޫދު އަހުމަދީނިޖާދު ހައްޔަރުކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ބުނެފި އެވެ.

އީރާނުގެ އޮފިޝަލުންނާ ހަވާލާދީ އަލް ގުދުސް އަލް އަރަބީ ނޫހުން ބުނި ގޮތުގައި އަހުމަދީނިޖާދު ހައްޔަރު ކުރީ މިދިޔަ މަހުގެ 28ގައި ބުޝޭހުރު ސިޓީގައި ދެއްވި ތަގުރީރަކާ ގުޅިގެންނެވެ. އެ ތަގުރީރުގައި އޭނާ ވަނީ އީރާނުގައި މިހާރު ވެރިކަން ކުރާ "ބައެއް ލީޑަރުންނަށް ރައްޔިތުންގެ ކަންބޮޑުވުންތައް ނުވިސްނޭ ކަމަށާއި އެބޭފުޅުންނަށް މުޖުތަމައުގައި ހިނގާ ކަންތައްތައް ނޭނގޭ" ކަމަށް ވިދާޅުވެފަ އެވެ.

އަދި ރައީސް ހަސަން ރޫހާނީގެ ސަރުކާރުން "އީރާނަކީ އެމީހުންގެ މިލްކެއް ކަމަށާއި ރައްޔިތުންނަކީ ނުވިސްްނޭ ބައެއް ކަމަށް ދެކޭ ކަމަށް" އަހުމަދީނިޖާދު ވިދާޅުވި އެވެ.

އޭނާ އެ ތަގުރީރު ދެއްވީ އެ ގައުމުގައި ތަކެތީގެ އަގު އުފުލުމާ ދެކޮޅަށް މުޒާހާރާ ކުރަން ފެށި ދުވަހެވެ. އެ މުޒާހަރާތަކުގައި މިހާރު 1000އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ އިރު 21 މީހަކު ވަނީ މަރުވެފަ އެވެ.

މިދިޔަ ބުދަ ދުވަހު އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ ވެރިޔާ މުހައްމަދު އަލް ޖަފާރީ ވަނީ ސަރުކާރާ ދެކޮޅަށް ކުރި އެ މުޒާހަރާތައް ނިންމާލާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭގެ ފަހުން އީރާނުގެ އެކި ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ މީހުން ވަނީ ސަރުކާރަށް ތާއިދުކޮށް އެއްވުންތައް ބާއްވައިފަ އެވެ.