ދުނިޔޭގެ އެންމެ ފަލަ ފިރިހެން މީހާ ކަމަށް ރެކޯޑް ކުރެވިފައިވާ މެކްސިކޯގެ ޖުއާން ޕެޑްރޯ، 33، ޑޮކްޓަރުންގެ އެހީއާ އެކު ހިކެން މަސައްކަތް ފަށައިފި އެވެ.

ޖުއާންގެ ބަރުދަނުގައި މިހާރު 453 ކިލޯ ހުރި ކަމަށް ރިކޯޑް ކުރެވިފައިވާ އިރު، އޭނާގެ އުމުރުން 20ގެ އަހަރުތަކުގައި 595 ކިލޯ ހުރި ކަމަށްވެ އެވެ. ގިނިސް ވޯލްޑް ރިކޯޑުން ވަނީ މިދިޔަ އަހަރު ނިމުނު އިރު ދުނިޔޭގައި ހުރި އެންމެ ބަރު މީހާ އަކީ ޖުއާން ކަމަށް ނިންމައިފަ އެވެ.

ޖުއާން ބަރުކަމުން ހެލިފެލިވެ އުޅުމަކީ އުނދަގޫކަމަކަށް ވެފައިވާއިރު އޭނާގެ ދުވަސްތައް ހޭދަކުރަނީ އެނދުމަތީގަ އެވެ. މާ ބޮޑަށް ފަލަވުމުގެ ސަބަބުން ލޭމައްޗަށް ދިއުމާއި ހަކުރު މައްޗަށް ދިއުން ފަދަ މައްސަލަތައް ކުރިމަތިވެފައިވާ ކަމަށް ޖުއާންގެ ޑޮކްޓަރުން ބުނެ އެވެ.

މީގެ ކުރިން ވެސް ޖުއާން ވަނީ ހިކެންވެގެން ޑޮކްޓަރުންގެ އެހީއަށް އެދިފަ އެވެ. ނަމަވެސް އޭރު އޭނާ އަށް އެހީވުމަށް އެއްވެސް ޑޮކްޓަރަކު އެއްބަހެއް ނުވި އެވެ. މިހާރު ޖުއާންގެ ޑޮކްޓަރުންގެ ޓީމުގައި 30 މީހުން އުޅެ އެވެ. ކުރިއަށް އޮތްތަނުގައި ޖުއާންގެ ބަރުދަން 120 ކިލޯ އަށް ލުއިކުރުމަށް ޑޮކްޓަރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޖުއާން އަންނަނީ އޭނާގެ ބަރުދަން ލުއިކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. "މިހެން ހަތަރު ފާރުގެ އެތެރޭ އޮންނަން ވަރަށް ފޫހި. ހިނގާ ބިނގާވެ އުޅެވޭ ވަރުވެގެން ބޭރަށް ނިކުމެ ސާފު ވައިޖެހޭ ތަނެއްގައި ހުރެލައި މަގުމައްޗަށް ނިކުމެ އުލެން ވަރަށް ބޭނުން،" ޖުއާން ބުނެފައިވެ އެވެ.