އަންހެނުންގެ ހައްގުގައި ކޯޓުތަކުން ތެދުވެ ޝަރަފްވެރިކަމާ އެކު ފަނޑިޔާރުންގެ މަސައްކަތް ކޮށްދެއްވުމަށް ރައްޔިތުން މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ގޮވާލައްވައިފި އެވެ.

ސްޓޫޑިއޯއެއްގެ ތެރޭގައި އަންހެން ކުއްޖަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާއިރު އެކަމާ ގުޅިގެން ރޮޒައިނާ ކުރެއްވި ޓުވީޓުތަކެއްގައި ވިދާޅުވީ، މީގެ ކުރިން އަންހެނުންނާއި ކުޑަކުދިންނަށް އަނިޔާ ކޮށްފައިވާ މީހުން މިނިވަން ކޮށްފައިވާ ކަމަށެވެ.

އެގޮތުން އަންހެނަކަށް އަނިޔާކުރި ފިރިއަކު 200 ރުފިޔާ އިން ޖޫރިމަނާ ކުރި ކަމާއި ރޭޕިސްޓުންނާއި ކުޑަކުދިންނާ ބެހޭ މީހުން މިނިވަން ވަމުންދާ ކަމަށް ވިދާޅުވެ ރޮޒެއިނާ ވަނީ، އެފަދަ މައްސަލަތައް ޝަރަފްވެރިކަމާ އެކު ބެލުމަށް އެދިވަޑައިގެންފަ އެވެ.

ސްޓޫޑިއޯއެއްގެ ތެރޭގައި 19 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށްގެން ފުލުހުންނަށް މިދިޔަ ހުކުރު ދުވަހު ހުށަހެޅުނު މައްސަލައާ ގުޅިގެން ރޭ ވަނީ 34 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފަ އެވެ. އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވި އެ މީހާ ހައްޔަރު ކުރީ ގދ. ތިނަދޫ ހުޅަނގުގޭގައި ހުއްޓަ އެވެ.

އެ މައްސަލަ ރަނގަޅަށް ތަހުގީގު ކުރުމަށް ގޮވާލައި ރޮޒައިނާ ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވީ، ބައެއް ކަހަލަ މައްސަލަތަކުގައި 24 ގަޑިއިރަށް ވުރެ ގިނަ އިރު ވަންދެން ފުލުހުންގެ ބެލުމުގެ ދަށުގައި މީހުން ބެއިތިއްބުމަށް ގާނޫނު އަސާސީ އިން ހުއްދަ ދީފައިވާ ކަމަށެވެ.

އެކަމުގެ ބޭނުމަކީ ރޭޕިސްޓުންނާއި ކުޑަކުދިންނަށް އަނިޔާކުރާ މީހުންގެ ކިބައިން މުޖުތަމައު ރައްކާތެރިކޮށް ބޭއްވުން ކަމަށާއި ތަހުގީގު ނިމެންދެން ސިޔާސީ ވެރިން ޖަލުގައި ބޭތިއްބުމުގެ ބަދަލުގައި އެފަދަ މީހުން ހައްޔަރު ކުރުމަށް ވެސް ރޮޒައިނާ ގޮވާލެއްވި އެވެ.

އަދި ރޭޕްގެ މައްސަލައެއް ދިމާވާ ކޮންމެ އަންހެން ކުއްޖަކު ލަސްނުކޮށް ހޮސްޕިޓަލަށް ގޮސް އެކަށީގެންވާ ސިއްހީ ފަރުވާ ހޯދުމަށް ފަހު އެފަދަ މައްސަލަތައް ރިޕޯޓް ކުރުމަށް ވެސް ރޮޒައިނާ އެދިވަޑައިގަތެވެ.