ރިޔާޛު (ޖެނުއަރީ 7): ސައުދީ އަރަބިއާގެ ވެރިރަށް ރިޔާޛުގައި ހުންނަ ޝާހީ އާއިލާގެ ގަނޑުވަރެއްގައި މުޒާހަރާ ކުރި 11 ޕްރިންސަކު ހައްޔަރުކޮށްފި އެވެ.

ބައެއް ރިޕޯޓުތަކުގައިވާ ގޮތުން އެމީހުން މުޒާހަރާކޮށްފައި ވަނީ ޝާހީ އާއިލާގެ ފެނާއި ކަރަންޓު ބިލު ދެއްކުން ހުއްޓާލުމަށް ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.

އަދި އެ މުޒާހަރާގެ ބައިވެރިން ވަނީ 2016 ވަނަ އަހަރު މަރުގެ އަދަބު ދިން ޕްރިންސެއްގެ މަރުގެ ބަދަލު ދިނުމަށް ވެސް ސަރުކާރަށް ގޮވާލާފައި ކަމަށް ސައުދީ ނޫހެއް ކަމަށްވާ ސަބްގުގައިވެ އެވެ.

ސައުދީ ޕަބްލިކް ޕްރޮސެކިއުޓަރު ދެއްވި ބަޔާނެއްގައިވާ ގޮތުން އެ ޕްރިންސުން ހައްޔަރުކޮށް ޖަލަށްލާފައި ވަނީ މުޖުތަމައުގެ ސުލްހަ ނަގާލުމާ ގުޅިގެންނެވެ. އެ މައްސަލައިގެ ޝަރީއަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އަލްޖަޒީރާ އިން ބުނެ އެވެ.

ސައުދީ އަރަބިއާގެ އިގުތިސާދު ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށް ޓަކައި އެ ގައުމުން ވަނީ މި އަހަރު ފެށުމާ އެކު މުދަލާއި ހިދުމަތުގެ އަގުން ފަސް ޕަސެންޓު ޓެކްސް ނަގަން ފަށައިފަ އެވެ. އެގޮތުން ޓެކްސް ނަަގާ ހިދުމަތްތަކުގެ ތެރޭގައި ކަރަންޓާއި ފެން ވެސް ހިމެނެ އެވެ.

އެޓެކްސްގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކަށް ބަލައި، ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ވަނީ ސަރުކާރުގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކަށް ވެސް މަހަކު 260 ޑޮލަރާ އެއްވަރުވާ ވަރަށް ދިނުމަށް އަމުރުކުރައްވައިފަ އެވެ. (ބީބީސީ)