07 Jan 2018, 09:45
ޖަޕާނަކީ ރާއްޖޭގެ އިޖްތިމާޢީ އަދި އިގްތިޞާދީ ކުރިއެރުމާއި ތަރައްގީގައި މުހިއްމު ބައިވެރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ޖަޕާނުގެ ފޮރިން މިނިސްޓަރު ޓާރޯ ކޯނޯ އެމަނިކުފާނުގެ އަރިއަށް އިއްޔެ ކުރެއްވި އިޙްތިރާމްގެ ޒިޔާރަތެއް ވާހަކަ ދައްކަވަމުންނެވެ.
އެ ބައްލުކުރެއްވުމުގައި ރާއްޖެ އާއި ޖަޕާނާ ދެމެދު އެކި ދާއިރާތަކުން އެހީތެރިކަމާއި އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން ރައީސް ޔާމީނާއި ޖަޕާންގެ ފޮރިން މިނިސްޓަރު ވަނީ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައި ކަމަށް ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ އިންސާނީ ވަޞީލަތްތައް ތަރައްގީ ކުރުމަށް ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ، ޖައިކާ އިން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ވަނީ ފާހަގަކުރައްވައި ޝުކުރު އަދާ ކުރެއްވި އެވެ.
މީގެ އިތުރުން، އެ ބައްދަލުކުރެއްވުމުގައި ޖަޕާނުގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި ހުރި އިންވެސްޓްމަންޓްތަކުގެ ފުރުޞަތުތަކާއި ދެ ގައުމަށް ފާއިދާކުރަނިވި ދާއިރާތަކުން ގުޅުން ބަދަހިކުރެއްވުމާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވެ އެވެ. އަދި އދ.ގެ ސެކިއުރިޓީ ކައުންސިލްގެ ކުރިއަށް އޮތް ދައުރުގެ މެމްބަރުކަން ހޯދުމަށް ރާއްޖެ އިން ކުރާ މަސައްކަތުގައި ޖަޕާނު ސަރުކާރުން އެހީތެރިވެދެއްވުމަށް ވެސް އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަޕާނުގެ ފޮރިން މިނިސްޓަރުގެ ކިބައިން އެނދިވަޑައިގެންފަ އެވެ.
އެ ބައްދަލުކުރެއްވުމުގައި ޖަޕާންގެ ފޮރިން މިނިސްޓަރު ޓާރޯ ކޯނޯ ދެއްކެވި ވާހަކަފުޅުގައި 2020 ވަނަ އަހަރު ޖަޕާންގެ ޓޯކިއޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސް ގޭމްސްއާ ދިމާކޮށް އޭޝިއާ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި މި ސަރަޙައްދުތަކުގެ ގައުމުތަކުން ގުޅިގެން މަސައްކަތް ކުރުން މުހިއްމުކަން ފާހަގަކުރައްވާފައިވެ އެވެ. އަދި މި ސަރަޙައްދުގައި ހަރުދަނާ ކައުންޓަރ-ޓެރެރިޒަމް މެކޭނިޒަމް ސިސްޓަމެއް ގާއިމުވެފައި އޮތުމުގެ މުހިއްމުކަމުގެ މައްޗަށް ވެސް އެމަނިކުފާނު ވަނީ ވާހަކަފުޅު ދައްކަވައިފަ އެވެ. ހަމަ އެހެންމެ ރާއްޖޭގެ ކުޅިވަރުގެ ދާއިރާއާއި ދެ ގައުމުގެ މެދުގައި ކަލްޗަރަލް އެކްސްޗޭންޖް ޕްރޮގްރާމްތައް ކުރިއަށްގެންދިޔުމުގެ ޝައުގުވެރިކަން ވެސް އެމަނިކުފާނު ފާޅުކުރައްވާފައިވެ އެވެ.
ޖަޕާންގެ ފޮރިން މިނިސްޓަރު ޓާރޯ ކޯނޯ ރާއްޖެއަށް ކުރެއްވި އެއް ދުވަހުގެ ރަސްމީ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ރަސްމީ މަޝްވަރާތައް ވަނީ ކުރިއަށްގެންދަވައިފަ އެވެ.