07 Jan 2018, 11:29
ބްރެޒިލްގެ މިޑްފީލްޑަރު، ޕިލިޕް ކުޓީނިއޯ ސުޕެއިންގެ ބާސެލޯނާއަށް ސޮއިކުރިކަން ރަސްމީކޮށް އެ ކުލަބުން އިއުލާންކޮށް، އޭނާގެ ރިލީޒް ފީ އަކީ 400 މިލިއަން ޔޫރޯކަން އެ ކްލަބުން އިއުލާންކޮށްފިއެވެ.
ބާސެލޯނާގެ ރަސްމީ ވެބްސައިޓްގައި ބުނެފައިވަނީ، ލިވަޕޫލްއާއެކު ކުޓީނިއޯގެ ޓްރާންސްފާއަށް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި، ބާސާއަށް ކުޓީނިއޯ ސޮއިކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ކަމަށެވެ.
ބާސާއިން ކުޓީނިއޯގެ ޓުރާންސްފާ ފީ އަދި ހާމަކޮށްފައި ނުވި ނަމަވެސް، މީޑިއާ ރިޕޯޓުތައް ބުނާގޮތުން ލިވަޕޫލްއިން ކުޓީނިއޯ ވިއްކާލީ 145 މިލިއަން ޕައުންޑުގެ އަގަކަށެވެ. މިއަގަކީ ލިވަޕޫލްއިން ކުޓީނިއޯ ވިއްކާލި އަގުކަމުގައި ވާނަމަ، އޭނާ ވެގެންދާނީ ދުނިޔޭގެ ދެވަނައަށް އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ.
ކުޓީނިއޯއަކީ ބާސާއިން ވޭތުވެދިޔަ ހޫނު މޫސުމުގެ ޓްރާންސްފާއިން ފެށިގެންވެސް އެ ކްލަބުން ހޯދުމަށް މަސައްކަތްކުރަމުންދާ ކުޅުންތެރިއެކެވެ. ކުޓީނިއޯ ވެސް ބާސާއަށް ދާން ބޭނުންވެގެން ހޫނު މޫސުމުގެ ޓްރާންސްފާގައި ލިވަޕޫލްގެ ބޯޑަށް އެދުނު ނަމަވެސް ލިވަޕޫލްގެ ކޯޗު، ޔާގަން ކްލޮޕު ވަނީ އޭނާ ނުވިއްކާނެ ކަމަށް ބުނެފައެވެ.
ބާސާގައި ކުޓީނިއޯއަށް ކާމިޔާބު ހޯދޭނެ ކަމަށް ގިނަ ފުޓުބޯޅަ ލެޖެންޑުން ވެސް ވަނީ ބުނެފައެވެ. ކުޓީނިއޯ ފާހަގަކޮށްލެވެނީ އުފެއްދުންތެރި މިޑްފީލްޑަރެއްގެ އިތުރުން ބާސާގެ ސްޓައިލާ ގުޅޭ ކުޅުމެއް ކުޅޭ ކުޅުންތެރިއެއްގެ ގޮތުގައެވެ. އޭނާ ވަނީ 2013 ވަނަ އަހަރު ލިވަޕޫލްއަށް ބަދަލުވި ފަހުން ކުޅުނު 152 މެޗުން 42 ގޯލް ޖަހައިދީފައެވެ.