07 Jan 2018, 11:08
އިނގިރޭސި އެފްއޭ ކަޕުގެ ތިންވަނަ ބުރުގައި ޗެލްސީން ދެވަނަ ޑިވިޝަންގެ ނޯވިޗްއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެ އިތުރު މެޗެއް ކުޅެން ޖެހިއްޖެއެވެ.
ނޯވިޗްގެ ދަނޑުގައި ރޭ ކުޅުނު މެޗު، 0-0 ގެ ނަތީޖާއަކުން އެއްވަރުވުމުން ހަތަރު ވަނަ ބުރަށް ދާ ޓީމު ކަނޑައެޅުމަށް ޗެލްސީގެ ދަނޑުގައި މި ދެ ޓީމު އިތުރު މެޗެއް ކުޅެން ޖެހޭނެއެވެ.
ރޭގެ މެޗުގައި ޗެލްސީގެ ފުރަތަމަ 11 އިން ގިނަ ބަދަލުތަކެއް ފެނިގެންދިޔައެވެ. އެގޮތުން އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ޑޭވިޑް ލުއިޒް، ރޭގެ މެޗުގައި ޗެލްސީގެ ޓީމުން ފެނިގެންދިޔައެވެ. ޗެލްސީގެ ސްޓްރައިކަރުގެ މަގާމުން ރޭ ފަށާފައިވަނީ މިޗީ ބަޓްސްޗުއާއީއެވެ.
ޗެލްސީގެ ފަރާތުން މެޗުގެ ކުރީ ކޮޅުގައި ފެނިގެންދިޔައީ ވަނދު ކުޅުމެކެވެ. ނޯވިޗްގެ އޭރިއާ ތެރެއަށް ޗެލްސީގެ މެދުތެރެއިން ގިނަ ބޯޅަތަކެއް ސަޕްލައިކޮށްދެވިފައި ނުވާ އިރު، މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީގެ ފަރާތުން ނޯވިޗުގެ ގޯލަށް ނުރައްކާތެރި ހަމަލައެއް ފޮނުވާލެވިފައެއް ނުވެއެވެ.
ދެވަނަ ހާފުގެ ވަކި ހިސާބަކުން ޗެލްސީގެ ފުރަތަމަ 11 އިން އާންމުކޮށް ފެންނަ ސްޓްރައިކަރު އަލްވާރޯ މޮރާޓާ ކުޅެން ނުކުތް ނަމަވެސް، އޭނާއަށްވެސް މާބޮޑު ތަފާތެއް ދެއްކޭ ގޮތް ވަނީ ނުވެފައެވެ.
ޗެލްސީއާއި ނޯވިޗް ބައްދަލުކުރާ ދެވަނަ މެޗު ކުޅޭ ތާރީހެއް އަދި ކަނޑައެއް ނާޅައެވެ.