އެތުލެޓިކޯ މެޑްރިޑަށް މި ހިނގާ ޖެނުއަރީ މަހު ސޮއިކުރި ޑިއޭގޯ ކޮސްޓާ، ސްޕެނިޝް ލީގުގައި އެޓީމާ އެކު ކުޅުނު ފުރަތަމަ މެޗުގައި ގޯލް ޖެހި ނަމަވެސް ރަތް ކާޑަކާ އެކު މެޗު ނިންމާލައިފި އެވެ.

ލަލީގާގައި އެތުލެޓިކޯ އިން އަމިއްލަ ދަނޑުގައި ގެޓާފޭއާ ދެކޮޅަށް ރޭ ކުޅުނު މެޗު ކާމިޔާބުކުރީ 2-0 ގެ ނަތީޖާ އަކުންނެވެ.

ރޭގެ މެޗަކީ ޗެލްސީން އެތުލެޓިކޯއަށް އެނބުރި އައުމަށް ފަހު ކޮސްޓާ އެ ޓީމަށް ކުޅެދިން ދެ ވަނަ މެޗެވެ. ވޭތުވެދިޔަ ހަފްތާ ތެރޭގައި އެތުލެޓިކޯ އިން ކޮޕާ ޑެލްރޭގައި ކުޅުނު މެޗުގައި ކޮސްޓާ ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ ގޯލް ޖަހައިފަ އެވެ.

މެޗުގެ 18 ވަނަ މިނެޓުގައި އެންހާލް ކޮރިއާގެ ގޯލުން އެތުލެޓިކޯ މެޑްރިޑް ވަނީ ލީޑު ނަގައިފަ އެވެ. ރޭގެ މެޗުގައި ކޮސްޓާއަށް ފުރަތަމަ ރީނދޫ ކާޑު ދެއްކީ މެޗުގެ 62 ވަނަ މިނެޓުގަ އެވެ. ގެޓާފޭގެ ކުޅުންތެރިއެއްގެ މޫނު މަތީގައި ކޮސްޓާގެ އުޅަނބޮށިން ޖެހުމުން ރެފްރީ ރީނދޫ ކާޑު ދައްކާފައި ވަނިކޮށް، 68 ވަނަ މިނެޓުގައި ގޯލް ޖަހައި ކޮސްޓާ ސަޕޯޓަރުން ތެރެއަށް އުފާ ފާޅުކުރަން ދިއުމުން ރެފްރީ ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު އޭނާއަށް ރަތް ކާޑު ދައްކައިފަ އެވެ.

ކޮސްޓާގެ ރަތް ކާޑާ ގުޅިގެން އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނެފައި ވަނީ، ހަ މަސް ދުވަސް ވަންދެން ފުޓުބޯޅައާ ދުރުގައި ހުރުމަށް ފަހު އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި ގޯލް ޖެހުމުން ސަޕޯޓަރުންނާ އެކު އުފާފާޅުކުރަން ބޭނުންވާނެ ކަމަށެވެ. އެހެން ނަމަވެސް ރެފްރީ ކުޅުންތެރިންގެ އިހުސާސްތަކަށް ނުވިސްނާނެ ކަމަށާއި ކޮސްޓާގެ ދެ ވަނަ ރީނދޫ ކާޑަކީ ހައްގު ކާޑެއް ކަމަށް ވެސް ސިމިއޯނީ ބުންޏެވެ.

ވޭތުވެ ދިޔަ ސީޒަނަށް ފަހު ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭއާ ދެމެދު ޖެހުނު މައްސަލައަކާ ގުޅިގެން ކޮސްޓާ ޗެލްސީ ދޫކޮށް އެތުލެޓިކޯއަށް ބަދަލުވި ނަމަވެސް، އެތުލެޓިކޯގެ "ޓުރާންސްފާ ބޭން"ގެ ސަބަބުން އޭނާ އަށް ޖެހުނީ ޖެނުއަރީ އަންނަން ދެން ވާދަވެރި މެޗެއް ނުކުޅެ މަޑުކުރާށެވެ.