ވޭތުވެދިޔަ ސީޒަނަކީ ފިލާވަޅެއް ގޮތުގައި ބަލައި އަންނަ ސީޒަންގައި ކުޅުން އިތުރަށް ރަނގަޅު ކުރާނެ ކަމަށާއި ސީޒަންގެ އެންމެ ބޮޑު އަމާޒަކީ ސާފް ޗެމްޕިއަންޝިޕްގެ ސުކޮޑުން ޖާގަ ހޯދައި، އެ މުބާރާތުގައި ކުޅުން ކަމަށް ކްލަބު އީގަލްސްގެ ޒުވާން މިޑްފީލްޑަރު އަހުމަދު ރިޒުވާން (ރިޒޭ) ބުނެފި އެވެ.

ދެހާސް އަށާރައާ ހަމައަށް އީގަލްސްގެ ކޮންޓުރެކްޓްގައި ހުރި ރިޒޭ 'ސަން ސްޕޯޓްސް'އާ ވާހަކަ ދައްކަމުން ބުނެފައި ވަނީ ނިމިދިޔަ ސީޒަންގައި މާލޭ ލީގުގެ ގަދަ ހަތަރަކުން އީގަލްސްއަށް ޖާގަ ގެއްލުމަކީ ލިބުނު ވަރަށް ބޮޑު ފިލާވަޅެއް ކަމަށެވެ.

"އަންނަ ސީޒަންގައި މިބަލީ ކުރިން ސީޒަންގައި ވީ ކަންތަކުން ފިލާވަޅެއް ހޯދައި އެއަށް ވުރެ ގަދަކޮށްގެން ރަނގަޅު ނަތީޖާތަކެއް އީގަލްސްއާއެކު ނެރެން،" ރިޒޭ ބުންޏެވެ.

ވޭތުވެދިޔަ ސީޒަންގައި މާލޭ ލީގުގެ ގަދަ ހަތަރަކަށް އީގަލްސްއަށް ޖާގަ ގެއްލުމުން އެޓީމު ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވެފައި ނުވުމުން ދިވެހި ޕްރިމިއާ ލީގުގައި ރިޒޭ ކުޅެފައި ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ގދ. ތިނަދޫއަށެވެ. ރިޒޭ ބުނީ ތިނަދޫއާ އެކު ކުރެވުނީ ރަނގަޅު ތަޖުރިބާއެއް ކަމަށާއި އަންނަ ސީޒަންގައި އީގަލްސްއާ އެކު ނުކުންނާނީ ތަޖުރިބާތަކުގެ ބޭނުން ހިފުމަށް ކަމަށެވެ.

"ސުޒޭން ކަހަލަ މޮޅު ކޯޗަކާއެކު މަސައްކަތް ކޮށްލީމަ ބައިވަރު އެއްޗެހިތަކެއް ދަސްވެއްޖެ. އަންނަ ސީޒަނަށް ދަސްވި ގިނަ އެއްޗެހިތަކެއްގެ ބޭނުން ހިފޭނެ،" ރިޒޭ ބުނެފައިވެ އެވެ.

ގައުމީ ޓީމުގެ ފުރަތަމަ 11 އިން އާންމުކޮށް ޖާގަ ހޯދަމުން އަންނަ ރިޒޭއަށް އަންނަ ސީޒަން ވެގެންދާނީ މުހިންމު ސީޒަނަކަށެވެ. އެގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ސުކޮޑުގައި ހިމެނުމަށް ރިޒޭ ބޮޑު މަސައްކަތެއް ކުރާނެ ކަމަށް އޭނާ ބުންޏެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގު 2016ގައި ވެލެންސިއާގެ ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށް އީގަލްސްގެ ރިޒޭ މަސައްކަތްކުރަނީ --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

"އަންނަ އަހަރު އިތުރު މަސައްކަތްތަކެއް ކުރާނަން ސާފް ޗެމްޕިއަންޝިޕް އޮތީމާ، އީގަލްސްގައި ރަނގަޅު ކުޅުމެއް ދައްކައި މި އަހަރުގެ އެންމެ ބޮޑު ޓާގެޓަކީ ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ޓީމުގައި ހިމެނި ކުޅެލަން ލިބުން،" ރިޒޭ ބުންޏެވެ.

އީގަލްސްގެ ކާމިޔާބީތަކުގައި އިސް ދައުރެއް އަދާކުރަމުންދާ ރިޒޭއަކީ މޯލްޑިވްސް ފުޓުބޯލް އެވޯޑްސް 2016ގެ ރާއްޖޭގެ އުންމީދީ ކުޅުންތެރިޔާ އެވެ.