07 Jan 2018, 10:06
ރާއްޖެއަކީ އޭޝިއާ ސަރަހައްދުގައި އެންމެ ގިނަ ލިވްއަބޯޑު އުޅަނދު އޮތް ގައުމު ކަމަށާއި ރާއްޖޭގެ ލިވްއަބޯޑު ޓޫރިޒަމް މާކެޓުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ލިވްއަބޯޑު އެސޯސިއޭޝަނުން ބުނެފި އެވެ.
ޕީއެސްއެމްގެ "ޓޯކް މޯލްޑިވްސް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، ލިވްއަބޯޑު އެސޯއިއޭޝަން އޮފް މޯލްޑިވްސް (ލޭމް)ގެ ނައިބު ރައީސް އިސްމާއިލް ހަމީދު (ހައިރައިޒް އިއްސެ) ވިދާޅުވީ، އޭޝިއާގެ އެކިއެކި މަންޒިލުތަކާ އަޅަ ބަލާއިރު އެންމެ ގިނަ ލިވްއަބޯޑު އުޅަނދު އޮންނަނީ ރާއްޖޭގައި ކަމަށެވެ.
މިދިޔަ އަހަރު ނިމުނު އިރު ރާއްޖޭގައި 151 ލިވްއަބޯޑު ރެޖިސްޓާކޮށް އޮޕަރޭޓުކުރަމުން ދިޔަ އިރު، ލިވްއަބޯޑުތަކުގެ ބެޑް ކެޕޭސިޓީ ވަނީ 2،800 އަށް އަރައިފަ އެވެ.
"އޭޝިއާ އާއި މެދުއިރުމައްޗާއި އެފްރިކާގައި ވެސް ލިވްއަބޯޑުގެ ދާއިރާ އޮންނަ ގައުމުތައް ހުރޭ. އެކަމަކު އެއް މާކެޓެއްގައި އެންމެ ގިނަ އުޅަނދު މި އޮންނަނީ ރާއްޖޭގައި،" އިއްސެ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގެ ލިވްއަބޯޑު ޓޫރިޒަމަކީ އެހެން ގައުމުތަކާ އަޅާ ބަލާއިރު ވަރަށް ތަފާތުކޮށްދޭ ޚިދުމަތެކެވެ.
އިއްސެ ވިދާޅުވީ، މީގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރަނީ ޑައިވިންގް މަންޒިލެއްގެ ގޮތުގައި ކަމަށާއި އޭގެ ތެރޭގައި ލިވްއަބޯޑުގެ ކޮމްޕޯނެންޓެއް ހިމެނޭ ކަމަށެވެ. އެހެން ނަމަވެސް މިހާރު ރާއްޖެ މާކެޓުކުރަނީ ވެލްނެސް އަދި ލަގްޒަރީ މަންޒިލެއްގެ ގޮތުގައި ކަމަށް ވާތީ، އެކަމުން ލިވްއަބޯޑުގެ ބައި މާކެޓުކުރެވޭ މިންވަރު އުނިވެގެން ގޮސްފައިވާ ކަމަށް އިއްސެ ވިދާޅުވި އެވެ.
"ރާއްޖެ ޑެސްޓިނޭޝަނެއްގެ ގޮތުގައި ޕްރޮމޯޓުކުރާ އިރު ލިވްއަބޯޑުގެ ބައި އެބަ އުނިވޭ. ޕްރައިވެޓް ސެކްޓަރުން އެގްޒިބިޝަންތަކަށް ވެސް ދަނީ އަމިއްލައަށް. ލިވްއަބޯޑު ޓޫރިޒަމް މާކެޓުކުރުމަށް ޓަކައި ބޮޑެތި މަސައްކަތްތަކެއް ކުރަން އެބަ ޖެހޭ،" އިއްސެ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގެ ލިވްއަބޯޑު އިންޑަސްޓްރީގެ ބައިވެރިން އެގްޒިބިޝަންތަކަށް ގޮސް ބޭރުގެ ފަރާތްތަކާ އެކު ބާއްވާ ބައްދަލުވުންތައް ވަރަށް ކާމިޔާބެވެ.
"އެގްޒިބިޝަންތަކަށް ދިއުމުގެ ބޭނުމަކީ ޑައިވިން ޓުއާ އޮޕަރޭޓަރުންނާ ބައްދަލުކޮށް، ރާއްޖޭގެ ޑައިވިންގް ޓޫރިޒަމް ވިއްކުން. މިފަދަ ތަންތަނަށްދާ އޮޕަރޭޓަރުން ވަރަށް ކާމިޔާބު މަސައްކަތްތައް ދަނީ ކުރަމުން." އިއްސެ ވިދާޅުވި އެވެ.