އެކިއެކި ފަރާތްތަކުން ދައުލަތަށް ދައްކާ ހުރިހާ ފައިސާއެއް ރުފިޔާ އިން ބަލައިގަތުމާ މެދު ގޮތެއް ނިންމުމަށް ޓަކައި މީރާގެ ބޯޑުގެ ހާއްސަ ބައްދަލުވުމެއް މާދަމާ ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަދު ބުނެފި އެވެ.

ދައުލަތަށް ނަގާ ހުރިހާ ފައިސާއެއް ނަގަން ވާނީ ރުފިޔާ އިން ކަމަށް ކެބިނެޓުން ނިންމުމާ އެކު ފިނޭންސް މިނިސްޓްރީން ބުރާސްފަތި ދުވަހު މީރާ އަށް އަންގާފައި ވަނީ މީރާ އިން ބަލައިގަންނަ ހުރިހާ ފައިސާއެއް ވެސް ރުފިޔާ އިން ނެގުމަށެވެ. ނަމަވެސް މީރާ އިން އިއްޔެ ބުނީ ދައުލަތުގެ އެކިއެކި މުއައްސަސާތަކާ އެކު އެކިއެކި ފަރާތްތަކުން ހަދާފައިވާ ކޮންޓްރެކްޓްތައް ހުރި ގޮތުންނާއި ބައެއް ގާނޫނުތައް ހުރި ގޮތުން ޑޮލަރުން ނެގުމަށް ލާޒިމްކުރާ ފައިސާ ނަގާނީ ޑޮލަރުން ކަމަށާއި ފިނޭންސްގެ އެންގުމަށް އަމަލުކުރެވެން ނެތް ކަމަށެވެ.

މީރާ އާއި ފިނޭންސާ ދެމެދު އުފެދިފައިވާ ދެބަސްވުމާ ގުޅޭ ގޮތުން ޑައިރެކްޓާ ޖެނެރަލް، ރެވެނިއު ސާވިސް، ފަތުހުﷲ ޖަމީލު މިއަދު ވިދާޅުވީ އެ އޮތޯރިޓީގެ ބޯޑު މީޓިންއެއް މާދަމާ ބާއްވައި އެ މައްސަލައިގާ ގޮތެއް ނިންމަވާނެ ކަމަށާއި މީރާ އިން އަމަލުކުރާނެ ގޮތެއް ނިންމާނީ މާދަމާގެ ބައްދަލުވުމުން ނިމޭ ގޮތަކަށް ކަމަށެވެ.

"އަޅުގަނޑުމެން މާދަމާ އެބަ ބާއްވަން ބޯޑު ބައްދަލުވުމެއް. އެ ބައްދަލުވުމަށް ފަހު ގޮތެއް ނިންމަވާނެ. އެ ގޮތާ އެއްގޮތަށް މީރާ އިން އަމަލުކުރާނީ،" ފަތުހުﷲ ވިދާޅުވި އެވެ.

މިނިވަން މުސްތަގިއްލު މީރާގެ ބޯޑުގައި ތިއްބަވަނީ ކޮމިޝަނާ ޖެނެރަލާއި ޑެޕިއުޓީ ކޮމިޝަނާގެ އިތުރުން ރައްޔިތުންގެ މަޖިލީހުން އައްޔަން ކޮށްފައިވާ ފަސް މެންބަރެކެވެ.

ޓޫރިޒަމް ޓެކްސް ގާނޫނާއި ޓީޖީއެސްޓީ އާއި ރިސޯޓުތަކުން ކުލި ނެގުމުގެ ގާނޫނުގެ ދަށުން ސަރުކާރަށް ދައްކާ ފައިސާ ދައްކަން ޖެހެނީ ޑޮލަރުން ނޫނީ މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ކަނޑައަޅާ ބޭރު ފައިސާ އަކުން ކަމަށް މީރާ އިން ބުންޏެވެ. އަދި އެކި ފަރާތްތަކާ އެކު ސަރުކާރުން ހަދާފައިވާ ކޮންޓްރެކްޓްތަކުން ވެސް ފައިސާ ދެއްކުން ލާޒިމްކުރަނީ ޑޮލަރުންނެވެ.

ފަތުހުﷲ ވިދާޅުވީ މީރާ އިން މިއަދު ވެސް ފައިސާ ބަލައިގަންނަމުން އަންނަނީ ޑޮލަރުން ބަލައިގަންނަން ޖެހޭ ފައިސާ ޑޮލަރުން ކަމަށް ވިޔަސް ރުފިޔާ އިން ބަލައިގަނެވެން ހުރި ފައިސާ ރުފިޔާ އިން ބަލައިގަންނަން ފަށާފައިވާ ކަމަށެވެ.
"މިސާލަކަށް އެއާޕޯޓް ސާވިސް ޗާޖް ފަދަ ގާނޫނުތަކުގައި އެބަހުރި ދިވެހި ރުފިޔާ އިން ވެސް ]ފައިސާ[ ބަލައިގަނެވެން އެބަހުރި. އެހެންވެ އެފަދަ އެއްޗިހި އަޅުގަނޑުމެން ބަލައިގަންނާނަން ރުފިޔާ އިން،" ފަތުހުﷲ ވިދާޅުވި އެވެ.