07 Jan 2018, 00:04
ފަހަތުން އަރައި ބާންލީ ބަލިކޮށް މެންޗެސްޓާ ސިޓީން އިނގިރޭސި އެފްއޭ ކަޕުގެ ހަތަރުވަނަ ބުރަށް ދަތުރުކޮށްފިއެވެ.
އިނގިރޭސި ފުޓުބޯޅައިގެ "ބިޒީ" ޝެޑިއުލަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ފާޑުކިޔަމުންދިޔަ ނަމަވެސް، ހީކުރިގޮތާ ހިލާފަށް މިރޭގެ މެޗަށް ސިޓީ ނުކުތީ ވަރުގަދަ ފުރަތަމަ 11 އަކާ އެކުގައެވެ.
މެޗުގެ 25 ވަނަ މިނެޓުގައި ބާންލީގެ ބާންސް އެޓީމަށް ލީޑު ނަގައިދިނެވެ. ފުރަތަމަ ހާފު ނިމެންދެން ބާންލީން 1-0 ގެ ލީޑެއް ހިފަހައްޓި ނަމަވެސް، ސާޖިއޯ އަގުއޭރޯ ވަނީ ދެވަނަ ހާފު ފެށިގެން 10 މިނެޓު ތެރޭގައި ސިޓީއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އަދި އޭގެ ދެ މިނެޓު ފަހުން އަގުއޭރޯގެ އިތުރު ގޯލަކާއެކު ސިޓީން ވަނީ ލީޑު ނަގައިފައެވެ.
ސިޓީގެ ތިންވަނަ ގޯލް 71 ވަނަ މިނެޓުގައި ލިރޮއީ ސާނޭ ކާމިޔާބުކޮށްފައިވާ އިރު، މެޗުގެ 82 ވަނަ މިނެޓުގައި ސިޓީގެ ހަތަރުވަނަ ގޯލް ޖަހައިދީ ފަރަގު އިތުރަށް ބޮޑުކޮށްދިނީ ބެނާޑޯ ސިލްވާއެވެ.
ގާޑިއޯލާގެ އިރުޝާދުގެ ދަށުން މިސީޒަންގައި ވަރުގަދަ ކުޅުމެއް ދައްކަމުން އަންނަ ސިޓީ، ޑޮމެސްޓިކް މެޗެއްގައި އަދި ބަލިވެފައެއް ނުވެއެވެ. ސިޓީ މިސީޒަންގައި ހަމައެކަނި ބަލިވީ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސުޓޭޖްގައި ޝަކްތާރު ޑޮނެސްކާ ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ.
އިނގިރޭސި ލީގުގައި ކުޅުނު 22 މެޗުން 62 ޕޮއިންޓު ހޯދައި ސިޓީ މިވަގުތު ލީގު ތާވަލުގެ އެއްވަނައިގައި އޮތީ 15 ޕޮއިންޓުގެ ލީޑަކާއެކުއެވެ.