އޮސްޓްރޭލިއާގެ ބައެއް ސަރަހައްދުތަކަށް އާދަޔާ ހިލާފަށް ހޫނުގަދަވެ، އެ ސަރަހައްދުތަކުގެ ތާރު އެޅި ބައެއް މަގުތައް ވިރެން ފަށައިފި އެވެ.

އޮސްޓްރޭލިއާގެ ދެކުނު އިރުމަތީގެ ބައެއް ސަރަހައްދުތަކަށް އާދަޔާ ހިލާފަށް ހޫނުގަދަވެ، ގެއްލުންތަކެއް ލިބެމުންދާ އިރު ވިކްޓޯރިއާ ސްޓޭޓްގެ ވެރިރަށް މެލްބޯންގައި އޮންނަ 10 ކިލޯ މީޓަރުގެ ދިގު ހައިވޭއެއް ވަނީ ވިރެން ފަށައި، މަޑުވެ ތަތްލަވާ ގޮތް ވެފަ އެވެ.

ވިކްޓޯރިއާގެ ރޯޑް ކޯޕަރޭޝަންގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި، ހައިވޭ ވިރެން ފަށާފައި ވަނީ އެ ސްޓޭޓުގެ ހޫނުމިން މިދިޔަ ހުކުރު ދުވަހު 30 ޑިގްރީ ސެލްސިއަސް އަށް މައްޗަށް ދިއުމާ ގުޅިގެން ކަމަށެވެ.

ވިކްޓޯރިއާގެ ފުލުހުން ވެސް ވަނީ އެ މަގުން ދަތުރުކުރާ ވެހިކަލްތަކުން އެކަމަށް ސަމާލުކަން ދީގެން ދަތުރު ކުރުމަށް އިލްތިމާސްކޮށްފަ އެވެ.

އޮސްޓްރޭލިއާ އަށް ހޫނުގަދަވެ "ރެޑް ކޯޑް"ގެ ގޮތުގައި ދަރަޖަ ކޮށްފައިވާ އިރު އެ ގައުމުގެ ދެކުނުއިރުމަތީގެ ބައެއް ސަރަހައްދުތަކަށް ހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށް އަރާނެ ކަމަށް މޫސުމާ ބެހޭ ފަރާތްތަކުން ލަފާ ކުރެ އެވެ.

އަދި ބައެއް ހިސާބުތަކަށް 43 ޑިގްރީ އާއި 45 ޑިގްރީއާ ދެމެދަށް ހޫނު މިން މައްޗަށް ދާނެ ކަމަށް ވެސް ވަނީ ލަފާ ކުރެވިފަ އެވެ.

އޮސްޓްރޭލިއާއަށް އާދަޔާ ހިލާފަށް ހޫނު ގަދަވުމުގެ ސަބަބުން މެލްބޯންގެ ރަށްބޭރުގައި އަލިފާން ރޯވެ، އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި ކައިރި ހިސާބުތަކުގައި ހުރި ގެތަކަށާއި އާންމުންނަށް ގެއްލުންތައް ލިބެމުންދާތީވެ، ވިކްޓޯރިއާ، ސައުތު އޮސްޓްރޭލިއާ އަދި ތަސްމޭނިއާގައި އަލިފާން ގެންގުޅުން މިހާރު ވަނީ މަނާކޮށްފަ އެވެ.

ވިކްޓޯރިއާގެ ރެސިޑެންޝިއަލް ޑިސްޓުރިކްޓެއް ކަމަށްވާ ކަރަމް ޑައުންސްގައި ވެސް އިއްޔެ ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައި އެތައް ސަތޭކަ ގެތަކަށް އޭގެ ނުރައްކާ ކުރިމަތިވެފަ އެވެ.

އެ އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގައި 300 ފަޔާފައިޓަރުންނާއި 50 ފަޔާ ލޮރީ އަދި ތިން ހެލިކޮޕްޓަރު ވަނީ ބޭނުންކޮށްފަ އެވެ.

ވިކްޓޯރިއާ ސްޓޭޓްގެ އެމަޖެންސީ މެނޭޖްމަންޓް ކޮމިޝަނަރު ކްރެއިގް ލެޕްސްލޭ ވިދާޅުވީ، ވައިގެ ތެތްކަން ދަށްވެ ގަދަ ވަޔާއި އަދި ވައި ޖެހޭ ގޮތް ބަދަލުވެފައިވުމާ އެކު އެ ސްޓޭޓަށް މިހާރު ކުރިމަތިވެފައިވާ އާދަޔާ ހިލާފަށް ހޫނުގަދަވުމުގެ މައްސަލަ އިތުރަށް ނުރައްކާތެރި ވެފައިވާ ކަމަށެވެ.

(ދަ އިންޑިޕެންޑެންޓް)