06 Jan 2018, 22:38
ޖަޕާނަށް މުހިންމީ ދިވެހިރާއްޖޭގެ އިގްތިސާދު ކުރިއަރައި ދިއުން ކަމަށާއި، އިގްތިސާދީ އެކިއެކި ދާއިރާތަކުން ރާއްޖެއާ އެކު އިތުރަށް މަސައްކަތްކުރުމަށް ޖަޕާން އޮތީ ތައްޔާރަށް ކަމަށް އެގައުމުން ބުނެފިއެވެ.
ޖަޕާނުގެ ފޮރިން މިނިސްޓަރު ޓަރޯ ކޯނޯ މިއަދު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ އިރު، ޖަޕާނުގެ ވަފުދުން މިއަދު ވަނީ ދިވެހި ސަރުކާރާ އެކު ގިނަ ދާއިރާތަކަކުން މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައެވެ.
ފޮރިން މިނިސްޓަރ ޑރ. މުހައްމަދު އާސިމްއާ އެކު ޖަޕާނުގެ ވަޒީރު ދިގު މަޝްވަރާތައް ކުރިއަށް ގެންދެވި އިރު، ޖަޕާނުގެ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ ޕްރެސް ސެކްރެޓަރީ ޓޮޝިހިޑޭ އަންޑޯ މިރޭ ދިވެހި ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ، ޖަޕާނުން ހުރީ ރާއްޖެއާ އެކު އެކި ދާއިރާތަކުން އިތުރަށް ގުޅެން ތައްޔާރަށް ކަމަށެވެ.
ފަތުރުވެރިކަމާއި އިގްތިސާދީ ދާއިރާގެ އިތުރުން ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާއި، ޑިޒާސްޓަރ މެނޭޖްމެންޓާއި ކުޅިވަރުގެ ދާއިރާ ފަދަ އެކިއެކި ދާއިރާތަކުން ޖަޕާނުން ރާއްޖެއާ އެކު ގުޅުން ބަދަހިކުރުމުގެ ޝައުގުވެރިކަން ޖަޕާނުން އެ ބައްދަލުވުންތަކުގައި ފާހަގަކުރިކަމަށް ޑެޕިއުޓީ ޕްރެސް ސެކްރެޓަރީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިގްތިސާދީ ގޮތުން ޖަޕާނުން ރާއްޖެއާ އެކު މަސައްކަތް ކުރާތާ އެތައް އަހަރެއް ވެއްޖެ ކަމަށާއި، ޖަޕާނަށް މިކަމުގައި މުހިންމީ ދިވެހިރާއްޖޭގެ އިގްތިސާދު ތަރައްގީވެ، ކުރިއަރައި ދިއުން ކަމަށެވެ.
"އަޅުގަނޑުމެން އިގްތިސާދީ ގޮތުން ގިނަ ވާހަކަތަކެއް ދެއްކިން. ރާއްޖޭގެ ފޮރިން މިނިސްޓަރު ވިދާޅުވި ޖަޕާނުގެ ކުންފުނިތަކުން ރާއްޖޭގައި ކުރާ އިންވެސްޓްމެންޓްތައް އިތުރުވާން އުންމީދުކުރައްވާ ކަމަށް،" ޖަޕާނު ޚާރިޖިއްޔާގެ ޑެޕިއުޓީ ޕްރެސް ސެކްރެޓަރީ ވިދާޅުވިއެވެ.
ރާއްޖޭގެ، އަދި މުޅި ދުނިޔޭގައިވެސް އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރ ޓްރާންސް މޯލްޑިވްސް އެއާވޭސް (ޓީއެމްއޭ)ގެ ހިއްސާ، ޖަޕާނުގެ ސީޕްލޭން ކުންފުންޏަކަށް ދާދި ފަހުން ވިއްކާލާފައިވެއެވެ. މިއީވެސް ދެގައުމުގެ ދެމެދުގައި އިގްތިސާދީ ގޮތުން ގުޅުން ބަދަހިވެގެންދާނެ ކަމެއް ކަމަށް ޖަޕާނު ފޮރިން މިނިސްޓްރީގެ އޮފިޝަލު ވިދާޅުވިއެވެ.