06 Jan 2018, 22:17
މިއަހަރު ބާއްވަން ގާނޫނު ލާޒިމް ކުރާ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ތައްޔާރުވުމުގެ މަސައްކަތް ސަރުކާރު ހިންގާ ޕީޕީއެމް އިން ފަށައިފި އެވެ.
އިއްޔެއާއި މިއަދު ޕީޕީއެމް އިން ވަނީ ސޯޝަލް މީޑިއާގައި "ފެށުން" މި ނަމުގައި ސްލޯގަންއެއް ބޭނުންކޮށް ޕޯސްޓަރުތައް ދައުރުކުރަން ފަށާފަ އެވެ.
ޕީޕީއެމްގެ އެސްޖީ ޚަލީލު ވިދާޅުވިގޮތުގައި 'ފެށުން' އެ ސްލޯގަން އަކީ މާދަމާ ރޭ ރުމާލު 2 ޖަގަހާގައި ބާއްވާ ޖަލްސާއަށް ބޭނުންކުރާ ސްލޯގަނެކެވެ. އެ ސްލޯގަނަކީ ރިޔާސީ ކެމްޕޭން ފަށަން ޕީޕީއެމް ތައްޔާރަށް އޮތްކަން އަންގައިދޭ ސްލޯގަނެއް ކަމަށް ޚަލީލް ވިދާޅުވި އެވެ.
ނަމަވެސް އެއީ ރިޔާސީ ކެމްޕޭން ރަސްމީކޮށް ފެށުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ރިޔާސީ ކެމްޕޭން ރަސްމީކޮށް ފެށުމުގެ ޖަލްސާ ބާއްވާނީ ވަރަށް ކުލަގަދަކޮށް ކަމަށް ޚަލީލް ވިދާޅުވި އެވެ.
ޕީޕީއެމުން މިހާރުވެސް ރާއްޖޭގެ ހަތަރު ކަންކޮޅެއްގައި ކެމްޕޭންގެ ހަރަކާތްތައް ކުރިއަށް ގެންދާ ކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން އައްޑޫ ސިޓީ އާއި ހދ. ކުޅުދުއްފުށީގައިވެސް ޓީމެއް ހަރަކާތްތެރިވަމުންދާކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހަމަ މީހުންނަށް ދިމާވެފައިވާ ދަތިތައް ދެނެގަނެ. އެބޭފުޅުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ އަތޮޅު ތަކުގައި ދަނީ ކެމްޕޭން ކުރިއަށް" ޚަލީލް ވިދާޅުވި އެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީންކަން މީގެ ދެ އަހަރު ކުރިން އެ ޕާޓީން ވަނީ އިއުލާނު ކުރަން ފަށާފަ އެވެ. އަދި ރިޔާސީ ޕްރައިމަރީ ނުބާއްވަން ނިންމި މައްސަލާގައި އެ ޕާޓީގެ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާ ހިތްހަމަ ނުޖެހި، އުފެދުނު ޚިޔާލު ތަފާތުވުމެއްގެ ތެރެއިން އެމަނިކުފާނު ވަނީ ޕާޓީން ވަކިކޮށްފަ އެވެ.