13 Aug 2011, 13:05
އެމެރިކާގައި އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެ ގައުމުގެ މިހާރުގެ ރައީސް ބަރަކް އޮބާމާއާ ވާދަކުރައްވާ ރެޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ މަގާމް ހޯއްދެވުމަށް ޕްރައިމަރީގައި ވާދަކުރައްވާނެ ކަން ޓެކްސަސްގެ ގަވަނަރު ރިކް ޕެރީ އިއުލާން ކުރައްވައިފި އެވެ.
ރިޔާސީ ކެންޑިޑޭޓަށް ބޮޑު ހޭދައަކާ އެކު ގިނަ އެހީތެރިކަމެއް ފޯރުކޮށްދޭ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓްކަމަށް ޕްރައިމަރީގައި ދެން ވާދަކުރައްވަނީ މިޓް ރޮމްނޭ ނަމަކަށް ކިޔާ ބޭފުޅެކެވެ.
ޕެރީއަކީ ރިޕަބްލިކަން ޕާޓީ އެއްބައިވަންތަ ކުރެއްވޭނެ ބޭފުޅެއް ކަމަށާއި އޭނާއަކީ، ރެޕަބްލިކަން ޕާޓީން ކުރިން ރައީސް ކަމަށް ވަޑައިގެންނެވި ޖޯޖްޑަބްލިއު ބުޝް އަށް ވުރެ ހުރިހާ ގޮތަކުން ވެސް ރަނގަޅު ސިޔާސީ ބޭފުޅެއް ކަމަށް، ކުރިން ބުޝްގެ ޕޮލިޓިކަލް އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި މެތިއު ޑޯޑް ވިދާޅުވި ކަމަށް ލޮސްއެންޖަލިސް ޓައިމްސްގައިވެ އެވެ.
އުމުރުން 61 އަހަރުގެ ޕެރީއަކީ ޓެކްސަސްގެ ޕެއިންޓް ގްރީސް ނަމަކަށް ކިޔާ ހިސާބުގަނޑަށް އުފަން ބޭފުޅެކެވެ. އޭނާ ވަނީ އެނިމަލް ސައިންސްގެ ރޮނގުން ޑިގްރީއެއް ހާސިލް ކުރެއްވުމަށް ފަހު އެމެރިކާގެ އެއާފޯސްގައި ފަސް އަހަރު ހިދުމަތް ކުރައްވައިފަ އެވެ.
އަދި އުމުރުން 66 އަހަރުގެ ރެމްނޭއަކީ މިޗިގަންގެ ގަވަރްނަރްކަން ވެސް ކުރި މުއްސަންޖެއްގެ ދަރިއެކެވެ. އޭނާ ވަނީ ގާނޫނީ ދާއިރާ އިން ނާއި ވިޔަފާރީގެ ދާއިރާ އިން ހަވަޑް ޔުނިވަސިޓީން ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފަ އެވެ.