06 Jan 2018, 20:52
އަންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމް ތަމްސީލުކުރާނެ ކެނޑިޑޭޓެއް ޔަގީން ކަމަށާއި ޕްރައިމަރީއެއް ނުބޭއްވިޔަސް އެ ހައިސިއްޔަތު ޕިޕީއެމްއިން ދޭނީ އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނަށް ކަމަށް ޕީޕީއެމްގެ ސެކެރެޓެރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ޕްރައިމަރީ ބާއްވާނެ ދުވަހަކާ ބެހޭ ގޮތުން "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓިގެ އެސްޖީ ޚަލީލް ވިދާޅުވީ، އެ ޕާޓީގެ އާންމު މެމްބަރުންނާއި ކައުންސިލުން ބޭނުންވަނީ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދޭން ކަމަށެވެ.
"އަޅުގަނޑުމެންނަށް ޕީޕީއެމްގެ ކެނޑިޑޭޓް ޔަގީން. އެ ފުރުސަތު ދެންވެސް ދޭން ބޭނުންވަނީ ރައީސް އަބްދުﷲ ޔާމީނަށް،" ޑރ. ޚަލީލް ވިދާޅުވިއެވެ.
ޑރ. ޚަލީލް ވިދާޅުވީ، ރައީސް މައުމޫން އެ ޕާޓީގެ ރައީސަކަށް ހުންނެވި އިރު ރައީސް ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދިނުމަށް ބޮޑު މެޖޯރިޓީއަކުން އެދުނު ކަމަށާއި އެކަމަށްޓަކައި ކައުންސިލްގެ ބައްދަލުވުމެއްވެސް ބާއްވަން އެދުނު ކަަމަށެވެ. ނަމަވެސް ފަހުން އެ ބައްދަލުވުން ނުބޭއްވި ޕާޓީގެ ތެރެއަށް ބޮޑެތި ބަދަލުތަކެއް އައީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މިހާރުވެސް ކައުންސިލުގެ އިއްތިފާގުން ބޭނުންވަނީ ރައީސް ޔާމީނަށް ޕިޕީއެމްގެ ރިޔާސީ ޓިކެޓް ދޭން. އަދި އަޅުގަނޑުމެން ޕްރައިމަރީއާ މެދު ވަކި ގޮތެއް ނުނިންމަން. އެކަމަކު އެންމެން އެއްބަސްވާ ކެނޑިޑޭޓަކު ހުއްޓައި ޕްރައިމަރީއެއް ބޭއްވުމުގެ ބޭނުމެއް ނެތް،" ޑރ. ޚަލީލް ވިދާޅުވިއެވެ.
އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން މިހާރު ވަނީ އެ ޕާޓިގެ ޕްރައިމަރީ އޮންނާނެ ދުވަސް އިއުލާންކޮށްފައެވެ. އެމްޑީޕީން ރިޔާސީ ކެނޑިޑޭޓަކު ހޮވަން ބާއްވާ ޕްރައިމަރީ އޮންނާނީ މިއަހަރުގެ މޭ މަހުގެ ތެރޭގައެވެ.