06 Jan 2018, 22:29
މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ޖޯސޭ މޮރީނިއޯއަށް ނިސްބަތްކޮށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ދައްކާފައިވާ ވާހަކަތަކަށް މޮރީނިއޯ ވަރުގަދަ ރައްދެއް ދީފިއެވެ.
މޮރީނިއޯއާއި ކޮންޓޭގެ ބަހުގެ ހަމަލާތައް ފެށުނީ ޕުރިމިއާ ލީގުގެ ކޯޗުން ޓެކްނިކަލް އޭރިއާ ކައިރިން "ޕާޓީ ކުލައުން" ތަކެއް ގޮތަށް ހަރަކާތްތެރިވާ ކަމަށް ބުނެ މޮރީނިއޯ ބައެއް ކޯޗުންނަށް ބަހުން ޖެހުމުންނެވެ.
މޮރީނިއޯ މި ވާހަކަތައް ދައްކާފައިވަނީ ޗެލްސީގެ ކޯޗު ކޮންޓޭ އަދި ލިވަޕޫލްގެ ކޯޗު، ޖާގަން ކުލޮޕަށް އަމާޒުކޮށް ކަމަށް މީޑިއާއިން ސިފަކޮށްފައިވާ އިރު، ކޮންޓޭ ވަނީ އޭގެ ރައްދެއްގެ ގޮތުގައި މޮރީނިއޯ ދައްކަމުންދަނީ އޭނާގެ އަމިއްލައަށް އުޅުނު ގޮތުގެ ވާހަކަ ކަމަށް ބުނެފައެވެ. އަދި ކޮންޓޭ ބުނީ މޮރީނިއޯ އުޅެނީ އޭނާ ކުރިން ކުރި ކަންތައްތައް ހަނދާން ނެތިގެން ކަމަށާއި، އޭނާއަކީ އެހެން މީހުންނަށް ނިސްބަތްކޮށް އެފަދަ ވާހަކަތައް ދެއްކޭނެ ފެންވަރުގެ މީހެއް ނޫން ކަމަށެވެ.
އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު ކޮންޓޭ ބުނެފައިވަނީ މޮރީނިއޯގެ މައްސަލައަކީ ޗެލްސީ ދޫކޮށް ދިއުމަށް ފަހުވެސް ޗެލްސީއަށް ލޯ އެޅުން ކަމަށެވެ.
"މޮރީނިއޯއަކީ އަދިވެސް ޗެލްސީއަށް ލޯ އަޅަމުންދާ މީހެއް، ޗެލްސީ ދޫކޮށް ދިޔަނަމަވެސް އޭނާއަށް އެކަން ނުހުއްޓުނު،" ކޮންޓޭ ބުނެފައިވެއެވެ.
ކޮންޓޭ ބުނެފައިވަނީ ކުޅުންތެރިންނާ، ކުލަބުގެ ހައްގުގައި މޮރީނިއޯގެ ބަސްތަކަށް އޭނާ ރައްދު ދޭން މަޖުބޫރު ވެއްޖެ ކަމަށެވެ.
"އަހަރެން މިހާރު ރުޅި ގަދަވާން ފަށައިފި، މޮރީނިއޯ ބޭނުންވާ ރައްދު ދޭން އަހަރެން ތައްޔާރު، އަހަރެންގެ އިނގިރޭސި ބަސް ވެސް ކުރިއަށްވަރު މިހާރު ރަނގަޅުވާނެ. އަހަރެން ބަސް ބުނާނީ ކުޅުންތެރިންނާއި ކުލަބުގެ ހައްގުގައި،" ކޮންޓޭ ބުނެފައި ވެއެވެ.
އިނގިރޭސި އެފްއޭ ކަޕުގައި މެންޗެސްޓާ ޔުނައިޓެޑުން ޑާބީ ކައުންޓީއާ ވާދަކުރި މެޗަށްފަހު މޮރީނިއޯވަނީ ކޮންޓޭގެ ވާހަކަތަކަށް ރައްދު ދީފައެވެ. އެގޮތުން މޮރީނިއޯ ބުނެފައިވަނީ އޭނާއަށް ވެސް ކުރިން ކޯޗުގެ ޓެކްނިކަލް އޭރިއާގައި ބައެއް ކުށްތައް ކުރެވުނު ކަމަށާއި އެހެން ނަމަވެސް މެޗު ވިއްކާލުމުގެ މައްސަލައެއް އޭނާގެ ނޯންނާނެ ކަމަށެވެ.
ޔުވަންޓަސްގެ ކޯޗު ކަމުގައި ކޮންޓޭ ހޭދަކުރި 2012-13 ވަނަ އަހަރުގެ ސީޒަންގައި އޭނާއަށް ވަނީ، އިޓަލީގެ ސިއެނާގައި ހޭދަކުރި ދުވަސްވަރު މެޗު ވިިއްކުމުގެ މައްސަލައަކާ ގުޅިގެން ފަސް މަހުގެ ސަސްޕެންޝަނެއް އައިސްފައެވެ. އެހެން ނަމަވެސް 2016 ވަނަ އަހަރު އިޓަލީގެ ކޯޓުން ވަނީ ކޮންޓޭގެ މައްސަލައެއް ނެތް ކަމަށް ކަނޑައަޅައިފައެވެ.
މޮރީނިއޯ އިތުރަށް ބުނީ، އޭނާ "ޕާޓީ ކުލައުން" ގޮތުގައި ސިފަކުރީ ކޮންޓޭ ނޫން ކަމަށާއި ކޮންޓޭވެސް ބުނިގޮތަށް އޭނާގެ އަމިއްލަ ނަފްސު ކަމަށެވެ. އެހެން ނަމަވެސް މިހާރު އަމިއްލައަށް މެޗުގެ ޖަޒުބާތު ކޮންޓުރޯލް ކުރަން ގިނަ މަސައްކަތްތަކެއްކޮށް، ރަނގަޅު ވަމުންދާ ކަމަށްވެސް މޮރީނިއޯ ވަނީ ބުނެފައެވެ.
"އަހަރެން ބުނަން ބޭނުމީ އަހަރެންގެ ފަރާތުން ކުރިން މައްސަލަތެއް ދިމާވި ނަމަވެސް، މި ސީޒަންގައި އެކަން ކުޑަވާނެ ކަމަށް. ހަމަ ޔަގީނުންވެސް މެޗު ވިއްކާލުމުގެ މައްސަލައެއް އަހަރެންގެ ފަރާތުން ނާންނާނެ،" މޮރީނިއޯ ބުނެފައިވެއެވެ.
މޮރީނިއޯ ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ޗެލްސީގެ ކޯޗުކަންކޮށް، އެ ކްލަބާއެކު ޕުރިމިއާ ލީގުގެ ތަށި ތިން ފަހަރަށް އުފުލާލައިފައެވެ.