07 Jan 2018, 09:23
ސަންޖޭ ލީލާ ބަންސާލީގެ ފިލްމު 'ޕަދްމާވަތީ' އަންނަ މަހުގެ ނުވަ ވަނަ ދުވަހު ސިނަމާތަކުގައި އެޅުވޭނެ ކަމަށް ހަބަރުތައް ބުނެފި އެވެ.
'ޒޫމް' ނޫހުގައިވާ ގޮތުން އަންނަ މަހުގެ ނުވަ ވަނަ ދުވަހު ފިލްމު އިންޑިއާގެ ސިނަމާތަކުގައި އަޅުވާ ކަމަށާއި 'ޕަދްމާވަތީ'ގެ ނަން 'ޕަދްމާވަތް' އަށް ބަދަލުކުރާނެ ކަމަށެވެ.
ބޭރުގެ ގިނަ ހަބަރުތައް އެހެން ބުނަމުން ދާއިރު ފިލްމުގެ ޓީމުން ބުނީ ފިލްމު އެޅުވޭނެ ތާރީހެއް ފައިނަލް ވާނީ އަންނަ ހަފްތާ ތެރޭގައި ކަމަށެވެ.
ބަދަލުތަކަކާ އެކު ފިލްމު ރިލީޒް ކުރުމުގެ ހުއްދަ ދޭން އިންޑިއާގެ ސެންސަރު ބޯޑުން ނިންމާފައި ވަނީ ފިލްމުގެ 26 މަންޒަރެއް އުނިކުރުމަށް ފަހު އެވެ.
Good news for@deepikapadukonefans on#HappyBirthdayDeepikaPadukone-#Padmavatmost likely to release on Feb 9th!pic.twitter.com/uSsnMuyES4
— Ramesh Bala (@rameshlaus)January 5, 2018
ޕަދްމާވަތީ އަކީ އިންޑިއާގެ ހިންދޫންގެ ރާނީއަކާއި މުސްލިމް ރަސްކަލަކާ ދެމެދު ހިނގާފައިވާ ލޯބީގެ ގުޅުންތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމަކަށް ވާތީ ފިލްމުގެ މައްސަލަ އިންޑިއާގައި ވަރަށް ހޫނުވި އެވެ.
އެގޮތުން ޕަދްމާވަތީގެ ލީޑް އެކްޓްރެސް ދީޕިކާ ޕަދްކޯން އަށް މެދުކެނޑުމެއް ނެތި މަރުގެ އިންޒާރުތައް ލިބުނު އިރު އިންޑިއާގެ އެންމެ ބޮޑު އެއް ސިޔާސީ ޕާޓީ ބީޖޭޕީ ޕާޓީ އަށް ނިސްބަތްވާ އިސް މީހަކު ވަނީ ދީޕިކާ އާއި ފިލްމުގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ މަރާލި ބަޔަކަށް ބަދަލެއްގެ ގޮތުގައި 1.5 މިލިއަން ޑޮލަރު ދޭނެ ކަމަށް ވެސް ބުނެފަ އެވެ. އަދި ފިލްމު އަޅުވާ ސިނަމާތަކަށް ވެސް ގެއްލުން ދޭނެ ކަމަށް ބުނެފައިވެ އެވެ.
ފިލްމުގައި ޝާހިދު ކަޕޫރުގެ އިތުރުން ހަރަކާތްތެރިވާނީ ދީޕިކާ ޕަދުކޯން އަދި ރަންވީރު ސިންގް އެވެ.