06 Jan 2018, 22:18
ޔޫރަޕުގެ ގިނަ ކުލަބުތަކަށް ކުޅެ މަޝްހޫރުކަން ހޯދާފައިވާ ނެދަލޭންޑްސްގެ މިޑްފީލްޑަރު ވެޝްލީ ސްނައިޑާ، ގަތަރުގެ ކުލަބެއް ކަމަށްވާ އަލް ގަރާފާއަށް ސޮއިކޮށްފިއެވެ.
އޭއެފްސީ ޗެމްޕިއަންސް ލީގަށް ތައްޔާރުވަމުންދާ އަލް ގަރާފާއަކީ ގަތަރު ސުޓާ ލީގުގައި ކުޅެމުން އަންނަ ޓީމެކެވެ.
އޭޝިއާގެ ގިނަ ކުލަބުތަކަކުން ޔޫރަޕުގެ "ވެޓަރަންސް" ކުޅުންތެރިން މިހާރު ދަނީ ގެންނަމުންނެވެ. އެގޮތުން ޑިއޭގޯ ފޯލާންވެސް ވަނީ ހޮން ކޮންގެ ކިޓްޗީ އެފްސީއާ އިއްޔެ ގުޅިފައެވެ. އަދި މިދިޔަ ސީޒަނުން ފެށިގެން ޗެލްސީގެ ލެޖެންޑު މައިކަލް އެސިއަން ކުޅެމުން އަންނަނީ އިންޑޮނޭޝިއާގެ ކުލަބެއް ކަމަށްވާ ޕަރުސިބު ބަންޑަންގަށެވެ. މީގެ އިތުރުން އިންޑިއާގެ ސުޕަ ލީގުގައިވެސް ޔޫރަޕުގެ ގިނަ ކުޅުންތެރިންތަކެއް ކުޅެމުންދެއެވެ.
އުމުރުން 33 އަހަރު، ސްނައިޑާގެ އިތުރުން ގަތަރު ސްޓާ ލީގުގެ އަލް ސާދަށް ބާސެލޯނާގެ ލެޖެންޑު ޒަވީ ހެނާންޑޭޒް ވެސް އަންނަނީ ކުޅެމުންނެވެ. ޒަވީ ވަނީ ވޭތުވެދިޔަ ސީޒަންގައި އަލް ސާދާއެކު ގަތަރު ސުޕާ ކަޕުވެސް އުފުލާލައިފައެވެ.
ސްނައިޑާއަކީ މިހާރުވެސް ނެދަލޭންޑްސްގެ ގައުމީ ޓީމަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. އޭނާ ވަނީ ގައުމީ ޓީމަށް ކުޅުނު 133 މެޗުން 31 ގޯލް ޖަހައިދީފައެވެ. 2010 ވަނަ އަހަރު ވޯލްޑް ކަޕުގެ ފައިނަލް ވެސް ނެދަލޭންޑްސްއާއެކު ކުޅުނު ޝްނައިޑާ ވަނީ ޔޫރަޕުގެ ބޮޑެތި ކުލަބުތައް ކަމަށްވާ، ރެއާލް މެޑްރިޑް، އިންޓާ މިލާންގެ އިތުރުން އަޔެކްސް އަދި ގަލަޓަސަރާއީއަށް ވެސް ކުޅެފައެވެ. އިންޓާ މިލާންއާއެކު ޗެމްޕިއަންސް ލީގުވެސް އުފުލާލާފައިވާ ސްނައިޑާ ނިމިދިޔަ ސީޒަންގައި ކުޅެފައިވަނީ ފްރާންސް ފުރަތަމަ ޑިވިޝަންގެ ކުލަބު، ނީސްއަށެވެ.
ގަރާފާއިން އޭއެފްސީ ޗެމްޕިއަންސް ލީގުގެ ކޮލިފިކޭޝަންގައި މިމަހުގެ 30 ވަނަ ދުވަހު ނުކުންނަން ޖެހޭނީ އުޒުބަކިސްތާންގެ ޕަޚްތަކޯރާއިއާ ދެކޮޅަށެވެ.