06 Jan 2018, 17:44
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުރަން ޖެހޭ މަސައްކަތުގައި އުނދަގޫތަކެއް ކުރިމަތިވެފައި ވަނީ ކުންފުނީގެ ހިއްސާދާރުންގެ މެދުގައި އޮންނަން ޖެހޭ ގުޅުން ހީނަރުވެ، ކުންފުނީގެ މަސައްކަތްތައް ނިންމުމަށް ދިވެހި ހިއްސާދާރުންގެ ފަރާތުން ލިބެންޖެހޭ އެއްބާރުލުން ނުލިބޭތީ ކަމަށް ނޫރުލް އިސްލާމް އިންޓަނޭޝަނަލް (ނިމްސް) އިން ބުނެފި އެވެ.
އެ ކުންފުންޏާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާ ގުޅުވައިގެން މީޑިއާތަކުގައި ދައުރުވަމުން އަންނަނީ ދޮގު ހަބަރުތަކެއް ކަމަށް ބުނެ، އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސަރުކާރާ އެކު ވެފައިވާ އެއްބަސްވުމުގައި މަތިކޮށްފައިވާ އެންމެހާ ޒިންމާތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރަމުން އަންނަ ކަމަށެވެ.
ނަމަވެސް އެއްބަސްވުމާ އެއްގޮތަށް ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލުވުމަށް ހުރަސްތަކާ ކުރިމަތިވަމުން އަންނަ ކަމަށާއި، ސަރުކާރުގެ ވުޒާރާތަކާ ގުޅިގެން އެ ހުރަސްތައް ގިރާކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި މިކުންފުންޏަށް ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ކުރިމަތިވެފައި ވަނީ ކުންފުނީގެ ހިއްސާދާރުންގެ މެދުގައި އޮންނަންޖެހޭ ގުޅުން ހީނަރުވެ، ކުންފުނީގެ މަސައްކަތްތައް ނިންމުމަށް ލިބެންޖެހޭ އެއްބާރުލުން ދިވެހި ހިއްސާދާރުންގެ ފަރާތުން ނުލިބިގެންކަން ފާހަގަކޮށްލަމެވެ." ނިމްސްގެ ބަޔާނުގައިވެ އެވެ.
އެ ކުންފުނިން ހޮސްޕިޓަލާ ހަވާލުވި ފަހުން ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ހޮސްޕިޓަލް ތަރައްގީ ކުރުމަށް ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ނިމްސް އިން ބުންޏެވެ.
އެގޮތުން ހޮސްޕިޓަލުގެ ހިދުމަތްތައް ފުޅާކުރުމަށް ސީޓީ ސްކޭން މެޝިނާއި، އިކޯ ސައުންޑް މެޝިން މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށާއި، އެމްއާރުއައި މެޝިނާއި އެހެނިހެން މެޝިނަރީޒް ވަރަށް އަވަހަށް ގެނެވޭނެ ކަމަށް ބަޔާނުގައިވެ އެވެ. އަދި އެކި ދާއިރާތަކުން 20 ސްޕެޝަލިސްޓް ޑޮކްޓަރުން ގެނައުމަށް ކުރަން ޖެހޭ މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށެވެ.
ނަމަވެސް ހިއްސާދާރުންގެ ފަރާތުން އެއްބާރުލުން ނުލިބޭތީ، މެޝިންތައް ރާއްޖެ ގެނެވި ދެ ހަފްތާ ވީ އިރުވެސް ކަސްޓަމްސް އިން ކްލިއަރެންސް ހެދުމަށާއި އިދާރީގޮތުން ނިންމަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ހުރަސްތަކެއް ކުރިމަތިވި ކަމަށާއި މަލްޓި-ސްޕެޝަލިޓީ ޑޮކްޓަރުން ގެނައުމަށް ބޭނުންވާ ވިސާގެ ކަންތައް ހަމަޖެއްސުމަށް ވެސް ދަތިތަކެއް ހުރި ކަމަށެވެ.
ނިމްސް އިން ބުނީ ސަރުކާރާ ގުޅިގެން، ހިއްސާދާރުންގެ މެދުގައި އުފެދިފައިވާ ދެބަސްވުންތައް ހައްލުކޮށް، އެއްބަސްވުމާ އެއްގޮތަށް ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގުމާ ރަސްމީކޮށް ހަވާލުވުމުގެ ގޮތުން ވާންޖެހޭ ތައްޔާރީތައް ބާރުމިނުގައި ކުރަމުންގެންދާ ކަމަށެވެ.
ނިމްސް އިން ބަޔާނެއް ނެރެފައި މިވަނީ އެ ކުންފުނިން ހޮސްޕިޓަލާ ހަވާލުވި ފަހުން ހޮސްޕިޓަލުގެ ހާލަތު ދައްވަމުން އަންނަ ކަމަށާއި އެހެންކަމުން ނިމްސްއާ އެކު ވެފައިވާ 50 އަހަރުގެ އެއްބަސްވުން އުވާލުމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ގޮވާލައްވާފައި ވަނިކޮށެވެ.
ނިމްސް އިން ކުޅުދުއްފުށީ ހޮސްޕިޓަލާ ހަވާލުވެފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހު އެވެ.