ސައުދީ އަރަބިއްޔާގައި ވެލިއު އެޑެޑް ޓެކްސް ނަގަން ފަށައި، މުދަލާއި ހިދުމަތްތަކުގެ އަގު އުފުލުމާ ގުޅިގެން އެގައުމުގެ ސަރުކާރުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފައިސާގެ ހާއްސަ އިނާޔަތެއް ދިނުމަށް ނިންމައިފިއެވެ.

ސައުދީ އަރަބިއްޔާގައި މިއަހަރު ފެށުމާއެކު، މުދަލާއި ހިދުމަތްތަކުން ވެލިއު އެޑެޑް ޓެކްސްގެ ގޮތުގައި އަގުގެ ފަސް ޕަސަންޓު އިތުރަށް ވަނީ ނަގަން ފަށައިފައެވެ.

ބޭރުގެ މީޑިއާއިން ރިޕޯޓުކުރާ ގޮތުގައި، ޓެކްސްއާ ގުޅިގެން ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކަށް ބަލައި، ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ވަނީ ސަރުކާރުގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކަށްވެސް މަހަކު 260 ޑޮލަރާ އެއްވަރުވާ ވަރަށް އިނާޔަތެއް ދިނުމަށް އަމުރުކުރައްވައިފައެވެ.

ސައުދީން ވެލިއު އެޑެޑް ޓެކްސް ނަގަން ފަށާފައިވާ ކަންކަމުގެ ތެރެއިން ކާބޯތަކެއްޗާއި ޔޫޓިލިޓީ ބިލްތައްވެސް ހިމެނެއެވެ.

ސައުދީން ވެލިއު އެޑެޑް ޓެކްސް ފުރަތަމަ ފަހަރަށް ތައާރަފުކޮށްފައި މިވަނީ، އެގައުމުން ތެލަށް ވާ ބަރޯސާ ކުޑަކޮށް، ތަފާތު ދާއިރާތަކުން އިގްތިސާދު ކުރިއަރުވައި، އާމްދަނީ ހޯދުމުގެ މަގްސަދުގައެވެ.

ސައުދީގެ އިގްތިސާދު ޑައިވާސިފައިކޮށް، ތެލަށް ވާ ބަރޯސާ ކުޑަކުރުމަށްޓަކައި 2030 ވަނަ އަހަރަށް ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އެކުލަވާލާފައިވާ ތަސައްވަރުގެ ދަށުން، ސައުދީގެ ގައުމީ ތެޔޮ ކުންފުނި ސައުދީ އަރަމްކޯ ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް، އާންމުންނަށް މިއަހަރު ހިއްސާ ވިއްކުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ.