ވޭތުވެދިޔަ ހަފްތާގެ ތެރޭގައި ލިވަޕޫލްއާ ގުޅުނު ހޮލެންޑުގެ ޑިފެންޑަރު، ވާޖިލް ވެން ޑައިކް ކާމިޔާބުކޮށްދިން ގޯލާއެކު ލިވަޕޫލްއިން "މާސީސައިޑް ޑާބީ" ކާމިޔާބުކޮށް އެފްއޭ ކަޕުގެ ހަތަރުވަނަ ބުރަށް އެޓީމު ދަތުރުކޮށްފިއެވެ.

އެފްއޭ ކަޕުގެ ތިންވަނަ ބުރުގައި ރޭ ލިވަޕޫލް އާއި އެވަޓަން ވާދަކުރި މެޗު، ލިވަޕޫލްއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާ އަކުންނެވެ.

ލިވަޕޫލްއިން މި މެޗަށް ނުކުތީ އަނިޔާ ވެފައިވާ މުހައްމަދު ސަލާހްގެ އިތުރުން ފިލިޕް ކުޓީނިއޯވެސް ސުކޮޑުގައި ނުހިމަނައެވެ. މީޑިއާ ރިޕޯތުތައް ބުނާގޮތުން ފިލިޕް ކުޓީނިއޯ މި ޓުރާންސްފާ ސީޒަންގައި ލިވަޕޫލް ދޫކޮށް 140 މިލިއަން ޕައުންޑުގެ ޓުރާންސްފާ ފީއެއްގައި ސުޕެއިންގެ ބާސެލޯނާއަށް ދިއުން ގާތެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފް ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް، ލިވަޕޫލްއިން ވަނީ ލީޑު ނަގައިފަ އެވެ. އެވަޓަންގެ އޭރިއާ ތެރެއިން އެޑަމް ލަލާނާއަށް ކުރި ފައުލަކާ ގުޅިގެން ލިވަޕޫލްއަށް ލިބުނު ޕެނެލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ ޖޭމްސް މިލްނާއެވެ.

ދެ ޓީމުގެ ފަރާތުންވެސް ރޭގެ މެޗުގައި ގޯލަށް އުފެއްދި ހަމަލާތައް މަދުކަން ފާހަގަ ކޮށްލެވުނެވެ. ނަމަވެސް މެޗުގެ 67 ވަނަ މިނެޓުގައި ގުލްފީ ސިގަޑްސަންގެ ގޯލުން އެވަޓަން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗު ނިމެން މިނެޓު ކޮޅަކަށް ވެފައިވަނިކޮށް، 84 ވަނަ މިނެޓުގައި ލިވަޕޫލް ސަލާމަތް ކޮށްދިނީ ދުނިޔޭގެ އެންމެ އަގު ބޮޑު ޑިފެންޑަރުގެ ގޮތުގައި ސައުތްހޭމްޓަން އިން އެޓީމަށް ބަދަވި، ވާޖިލް ވެން ޑައިކެވެ.

އެފްއޭ ކަޕުގެ ތިންވަނަ ބުރުގައި ރޭ މެންޗެސްޓާ ޔުނައިޓެޑްވެސް ވަނީ އެޓީމުން ކުޅުނު މެޗު ކާމިޔާބުކޮށްފައެވެ. ޑާބީ ކައުންޓީއާ ދެކޮޅަށް ކުޅުނު މެޗުން ޔުނައިޓެޑް ކުރި ހޯދީ 2-0 ގެ ނަތީޖާ އަކުންނެވެ. މެޗުގެ ދެ ގޯލްވެސް ފެނިގެން ދިޔައީ ފަހު ދިހަ މިނެޓުގެ ތެރޭގައެވެ. ފުރަތަމަ ގޯލް 84 ވަނަ މިނެޓުގައި ޖެސޭ ލިންގާޑް ކާމިޔާބު ކޮށްދިން އިރު، ދެ ވަނަ ގޯލް މެޗުގެ ފަހު މިނެޓުގައި ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ ރޮމެލޫ ލުކާކޫއެވެ.