06 Jan 2018, 15:42
ސޯޝަލް މީޑިއާ ބޭނުންކޮށްގެން ވެސް ކުރިއަށްވުރެ ފަސޭހަކޮށް ސުވަރުގެ ހޯދިދާނެ ކަމަށް ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް މެންކް ވިދާޅުވެއްޖެ އެވެ.
ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައި މުފްތީ މެންކް ދެއްވި ދީނީ ދަރުހެއްގައި ވިދާޅުވީ، ކުރިން ބަޔަކާ ވާހަކައެއް ދެއްކުމަކީ ނުވަތަ މެސެޖެއް ފޯރުކުރުމަކީ އުނދަގޫ ކަމެއް ނަމަވެސް، މިހާރު ސޯޝަލް މީޑިއާ މެދުވެރިކޮށް އެއްފަހަރާ އެތައް މިލިއަން ބަޔަކަށް، ކާކުކަން ނޭނގޭ ގޮތަށް ވެސް ވާހަކަ ދެއްކޭ ކަމަށެވެ.
އެހެންކަމުން ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާ ކުރާ ތަކެއްޗަކީ ރަނގަޅު ނުވަތަ ހެޔޮ ނަސޭހަތެއްދޭ މެސެޖެއް ނަމަ އެ އެމީހަކަށް އެކަމުގެ ސަވާބާއި ދަރުމަ ލިބިގެންދާނެ ކަމަށް މުފްތީ މެންކް ވިދާޅުވި އެވެ.
ސަބަބަކީ އެ ހިއްސާ ކުރާ އެއްޗެއްގެ ސަބަބުން އެތައް މިލިއަން މީހުންނަށް ރަނގަޅު މެސެޖެއް ފޯރުކޮށްދީ އެހެން މީހުންނަށް ވެސް ތެދުމަގު ލިބެން މަގުފަހިވެދާނެތީ އެވެ.
"ސޯޝަލް މީޑިއާ ބޭނުންކޮށްގެން ވެސް ކުރިއަށް ވުރެ ފަސޭހަކޮށް ސުވަރުގެ ހޯދިދާނެ،" މުފްތީ މެންކް ވިދާޅުވި އެވެ.
މުފްތީ މެންކް ވިދާޅުވީ، ސޯޝަލް މީޑިއާ މެދުވެރިކޮށް ނުބައި ހަބަރާއި މަންޒަރު ފަތުރާ މީހުންނަށް އެކަމުގެ ގެއްލުމާއި ހަލާކު ލިބޭނެ ކަމަށެވެ.
ސޫރަތުލް އަންކަބޫތުގެ ތޭރަވަނަ އާޔަތުގައި ﷲ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގަ ވެއެވެ. "އަދި ހަމަކަށަވަރުން އެއުރެންގެ އަމިއްލަ ނަފްސުގެ ފާފަތަކާއި، އަމިއްލަ ފާފަތަކާ އެކު އެއުރެން (މަގުފުރެއްދި މީހުން)ގެ ފާފަތައް ވެސް އެއުރެން އުފުލާނެތެވެ. އަދި ހަމަކަށަވަރުން އެއުރެން ހަދައި އުޅުނު ދޮގުތަކާމެދު ޤިޔާމަތްދުވަހުން އެއުރެންނާ ސުވާލު ކުރައްވާހުއްޓެވެ."
ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރާ އިސްލާމްދީނާ ހިލާފު ފޮޓޯ އަދި ވީޑިއޯތައް އެތައްބަޔަކަށް ފެންނަމުންދާއިރު އެބައި މީހުންގެ ވެސް ފާފަ، އެ އެއްޗެއް ހިއްސާކުރި މީހެއްގެ ބޮލުގައި އެޅިގެންދާނެ ކަމަށް އެ ދަރުހުގައި މުފްތީ މެންކް އިޝާރަތް ކުރެއްވި އެވެ.
އެހެންކަމުން "ވަޅިއެއް ފަދައިން ބޭނުން ކުރެވޭ" ސޯޝަލް މީޑިއާ ބޭނުން ކުރަންވާނީ އެއިން ތިމާ ސުވަރުގެއަށް ވާސިލް ކޯށްދޭ ވަސީލަތެއްގެ ގޮތުގައި ކަމަށް މުފްތީ މެންކް ވިދާޅުވި އެވެ.
އަދި އެފަދަ ޓެކްނޮލޮޖީގެ ވަސީލްތްތައް ބޭނުންކުރަންވާނީ އެއިން ތިމާއާއި އެހެންމީހުންނަށް ވެސް ލާބަޔާއި މަންފާ ލިބޭ، ހެޔޮ ހަބަރާއި މައުލޫމާތު ފަތުރާ މުންކަރާތްތައް ނަހީކުރާން ބާރު އަޅާނެ ގޮތައްކަމަށް ވެސް މުފްތީ މެންކް ވިދާޅުވި އެވެ.