ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ވިލާ ޝިޕިންގުން ދައުލަތަށް 75 މިލިއަން ރުފިޔާ ދައްކަން ޖެހި ނުދައްކައިވާ ކަމަށް ބުނެ އެ ފައިސާ ހޯދުމަށް، ދައުލަތުގެ ޓެކްސް އޮތޯރިޓީ، މީރާ އިން ދައުވާ އުފުލައިފި އެވެ.

އެ ދައުވާ ދައުލަތުން ކުރި އިރު މީގެ ކުރިން ވެސް ދައުލަތުން ވަނީ ގާސިމްގެ ފަސް ކުންފުންޏަކާ ދެކޮޅަށް 2.5 މިލިއަން ރުފިޔާ ހޯދަން ދައުވާ ކޮށްފަ އެވެ.

މި ފަހަރު ދައުލަތުން ތިން ދައުވާއެއް ވަނީ ކޮށްފަ އެވެ. އެއީ ކަނޑައަޅާފައިވާ މުއްދަތުގައި ޖީއެސްޓީގެ ފައިސާ ނުދެއްކުމުން ދައްކަން ޖެހޭ ޖޫރިމަނާ ގޮތުގައި 7.4 މިލިއަން ރުފިޔާ ހޯދުމަށާއި ޓީޖީއެސްޓީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ އާއި ޖޫރިމަނާގެ ގޮތުގައި 49 މިލިއަން ރުފިޔާ ހޯދުމުގެ އިތުރުން ޖީއާރުޓީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ އާއި ޖޫރިމަނާގެ ގޮތުގައި 18.5 މިލިއަން ރުފިޔާ ހޯދަމަށެވެ.

އެ މައްސަލަ މިހާރު ސިވިލް ކޯޓުން ވަނީ ބަލައިގެންފަ އެވެ.

ދައުލަތުން ގާސިމްގެ ކުންފުނިތަކުން ފައިސާ ހޯދުމަށް ދައުވާ ކޮށްފައިވާ އިރު ގާސިމް މިހާރު ހުންނެވީ ތިން އަހަރުގެ ޖަލު ހުކުމެއްގަ އެވެ. އަދި މިހާރު ހުންނެވީ ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވުމުން ފިއްލަވައިގެން ޖަރުމަނު ވިލާތުގަ އެވެ.