އާޓް ސްޓޫޑިއޯއެއްގެ ތެރޭގައި އަންހެން ކުއްޖަކު ރޭޕްކޮށް އެ އަމަލު ހިންގީ ކޮންމެ މީހެއް ނަމަވެސް އެމީހަކު މިހާރުން މިހާރަށް ހައްޔަރު ކުރަން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ގޮވާލައްވައިފި އެވެ.

އާޓް ސުޓޫޑިއޯއެއްގައި 19 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅައިފަ އެވެ. ފުލުހުން ބުނީ މީހަކު ހައްޔަރު ކުރި ކަމެއް ނުވަތަ ނޫން ކަމެއް ވެސް ބުނެވެން ނެތް ކަމަށެވެ.

"ހަމަ އެކަނި ބުނެވެން އޮތީ އެ މައްސަލަ ބަލަމުން އަންނަކަން،" ފުލުހުން ބުންޏެވެ.

ރޭޕް މައްސަލައިގެ ވިކްޓިމް މީޑިއާތަކަށް ބުނެފައި ވަނީ އޭނާ ރޭޕްކުރީ ސިޔާސީ އިސް މީހެއްގެ އާއިލާ ބޭފުޅެއް ކަމަށެވެ.

ނިހާނު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ އަމަލު ހިންގީ ކޮންމެ މީހެއް ނަމަވެސް މިހާރުން މިހާރަށް އޭނާ ހައްޔަރު ކުރަން ޖެހޭ ކަމަށެވެ. އަދި ގާނޫނުން ލިބިދޭ އެންމެ ހަރުކަށި އަަދަބު އެމީހަކަށް ދެން ޖެހޭނެ ކަމަށް ނިހާން ވިދާޅުވި އެވެ.

މީގެ ކުރިން މައްސަލައަކާ ގުޅިގެން މީހަކު ހައްޔަަރުކޮށްފި ކަން ނުވަތަ ނޫންކަން ފުލުހުން މީޑިއާއަށް ސާފު ކޮށްދެ އެވެ. ނަމަވެސް އެ މައްސަލާގައި އެކަން ހާމަ ނުކުރަނީ ކީއްވެ ކަމެއް ނޭނގެ އެވެ.