ޑެންގީ އިން ރައްކާތެރިވުމުގެ ގޮތުން ހުޅުމާލޭގައި ހުރި މަދިރި އާލާވާތަންތަން ނައްތާލުމުގެ ކެމްޕޭނެއް ސަރުކާރުން ފައްޓައިފި އެވެ.

ހުޅުމާލެ ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިންތިޒާމްކޮށްގެން، ހުޅުމާލޭގައި ހުރި މަދިރި އާލާވާ ތަންތަން ނައްތާލުމުގެ ކެމްޕޭނުގައި ދައުލަތުގެ އެެކިއެކި މުވައްސަސާތަކުން ބައިވެރިވެ އެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ފެށި ކެމްޕޭނަކީ އެހެން އަހަރުތަކެކޭ އެއްފަދައިން މިދުވަސްވަރަކީ ޑެންގީ އާންމުކޮށް ފެންނަ ދުވަސްވަރަކަށް ވާތީ ރައްކާތެރިވުމުގެ ގޮތުން ފެށި ކެމްޕޭންއެއް ކަމަށެވެ.

މިއަދު ކުރިއަށްދާ ކެމްޕޭންގައި އެމްއެންޑީއެފް، ޕޮލިސް އަދި މީރާ ފަދަ މުވައްސަސާތައް ހިމެނެ އެވެ. އަދި ހުޅުމާލޭގައި ހުރި 12 ސަރަހައްދެއްގައި މަދިރި އާލާވާ ތަންތަން ބަލައި އެތަންތަން ނައްތާލުމަށް ކްލޮރިން އެޅުން ފަދަ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭއިން މިނިވަން މުއައްސަސާތަކާ ގުޅިގެން ޑެންގީ އިން ރައްކާތެރިވުމުގެ މިއަދު ފެށި ގައުމީ ކެމްޕޭންގައި ހެލްތު މިނިސްޓަރު ވާހަކަ ދައްކަވަނީ-- ސަން ފޮޓޯ: އަފުރާހު މުހައްމަދު

މިއަދުގެ ކެމްޕޭން ފައްޓަވައި ދެއްވައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ބޭސްފަރުވާގެ ވާހަކަދައްކާ ފަދައިން، ބަލިން ރައްކާތެރިވުމުގެ ވާހަކަ ވެސް ދައްކާ ބަޔަކަށް އަޅުގަނޑުމެން ވާން ޖެހޭ ކަމަށެވެ.

އަދި އަޅުގަނޑުމެން ފަރުދުންގެ ގޮތުގައި އޮތް ޒިންމާތަކާއި އަދި މުޖުތަމައުގެ އެކިއެކި މުވައްސަސާތަކާއި ކޮމިޔުނިޓީތަކުން ރަނގަޅަށް ޒިންމާ ނެގިގެންނޫނީ ދިވެހި މުޖުތަމައަކީ ސިއްހީ ގޮތުން ދުޅަހެޔޮ އަދި ރައްކާތެރި މުޖުތަމައުއަށް ވެގެން ނުދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ބައެއް ބަލިތައް އާންމުވަނީ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިގެން ކަމަށާއި ޑެންގީ ފަދަ ބަލިތައް އާންމުވެއްޖެ ނަމަ އަޅުގަނޑުމެންގެ ދަރިންގެ ފުރާނައަށް ނުރައްކާތެރި ވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.