ދިވެހި ރާއްޖެ އާއި ޖަޕާން އާ ދެމެދު ގާއިމުކޮށްފައިވާ ސިޔާސީ ގުޅުން އިތުރަށް ބަދަހިކުރުމަށް، ދެ ގައުމުގެ ދެމެދުގައި މަޝްވަރާ ބައްދަލުވުންތަކެއް މިއަދު ބާއްވައިފި އެވެ.

ދެ ގައުމުގެ ދެމެދުގައި ސިޔާސީ މަޝްވަރާތައް ބާއްވާފައި މިވަނީ، ޖަޕާންގެ ފޮރިން މިނިސްޓަރު ޓާނޯ ކޯނޯ ރާއްޖެ އަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅުވައިގެންނެވެ.

ފޮރިން މިނިސްޓްރީގައި ކުރިއަށްދާ މަޝްވަރާ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވަނީ ފޮރިން މިނިސްޓަރު މުހައްމަދު އާސިމް އާއި މިނިސްޓްރީގެ އިސް ބޭފުޅުންނެވެ.

މިއަދު ކުރިއަށް ދިޔަ މަޝްވަރާގައި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކި އެވެ. އެގޮތުން ކޮންމެ އަހަރަކު ދެ ގައުމުގެ ދެމެދުގައި "ޕޮލިސީ ޑައިލޮގް"އެއް ކުރިއަށް ގެންދިއުމަށް ދެ މިނިސްޓަރުން ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.

މި "ޕޮލިސީ ޑައިލޮގް"ގައި ދެ ގައުމުގެ ސިޔާސީ، އިގްތިޞާދީ، ޓެކްނިކަލް ކޯޕަރޭޝަންގެ އިތުރުން ސަރަހައްދީ އަދި އިންޓަނޭޝަނަލް މައްސަލަތަކާ ގުޅޭ މައުލޫތަކަށް ވާހަކަ ދައްކާނެ ކަމަށް ދެ ގައުމުން ވެސް ބުންޏެވެ.

ހަމަ އެއާ އެކު، މިއަދު ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ޓެރަރިޒަމް ފަދަ މައްސަލަތަކާ ގުޅޭ ގޮތުން ވެސް ދެ މިނިސްޓަރުން ވާހަކަ ދައްކަވައިފަ އެވެ.

ފޮރިން މިނިސްޓަރު ޓާނޯ ކޯނޯ އަށް މަރުހަބާ ދެންނެވުމަށް ފޮރިން މިނިސްޓްރީގައި ކުރިއަށް ދިޔަ ކުޑަ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު އާސިމް ވަނީ ދެ ގައުމުގެ ދުވަސްވީ ގުޅުމަށް އަލިއަޅުވާލައްވައި ވާހަކަ ދައްކަވައިފަ އެވެ.

އެގޮތުން ރާއްޖެ އާއި ޖަޕާންގެ ގުޅުމަށް 50 އަހަރު ފުރިފައިވާ އިރު، ރާއްޖެ ދެކެމުން މިދާ ތަރައްގީގައި ޖަޕާން އަކީ އަބަދު ވެސް ވަރަށް ގާތް އަދި މުހިންމު ބައިވެރިއެއް ކަން ފާހަގަ ކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ ޖަޕާންގެ ދީލަތި އެހީތައް ރާއްޖޭގެ ކޮންމެ ދިމާއަކުން ވެސް ފެންނަން ހުންނާނެ ކަމަށެވެ. އެގޮތުން ޖަޕާނުގެ އެހީގެ ދަށުން އިމާރާތް ކޮށްފައިވާ ސްކޫލުތައްކާއި ސޯޝަލް ސެންޓަރު، އާޓިފިޝަލް ބީޗް، ޓެލެކޮމިނިއުކޭޝަންސް އިންފްރާސްޓްރަކްޗާ، ޓީވީއެމް އަދި ކޯސްޓަލް ޕްރޮޓެކްޝަން ފަދަ އެހީތައް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖަޕާންގެ ފޮރިން މިނިސްޓަރު ވިދާޅުވީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް "ފްރީ އެންޑް އޯޕަން އިންޑޯ-ޕެސިފިކް ސްޓްރެޓެޖީ"ގެ ދަށުން މަސައްކަތް ކުރާނެ ކަމަށެވެ.

މިއީ ޖަޕާންގެ ފޮރިން މިނިސްޓަރަކު ރާއްޖެއަށް ޒިޔާރަތް ކުރެއްވި ފުރަތަމަ ފަހަރެވެ.