މަސައްކަތުގެ މާހައުލަށް ދަރިން ގެންދިއުމަކީ އެހާ ހިތްހަމަޖެހޭ ކަމެއް ނޫން ކަމަށާއި ދެ ކުދިން ފިލްމު ސެޓުތަކުގައި ބޮޑެތިވާން ބޭނުން ނުވާކަމަށް ދާދި ފަހުން ބައްޕައަކަށްވި، ބޮލީވުޑްގެ ކާމިޔާބު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރު ބުނެފި އެވެ.

ސަރޮގެސީ މެދުވެރިކޮށް ކަރަން އަށް އެއްމާބަނޑު ދެކުދިން ލިބިފައި ވަނީ މިދިޔަ މާޗު މަހު އެވެ. އެއީ ރޫހީ އަދި ޔަޝް އެވެ.

ކަރަން ބުނީ ފިލްމު ސެޓުތަކުގައި ދަރިން ބޮޑުވުމުން، ކުރިއަށް ދާން ޖެހޭނީ ފިލްމީ ދާއިރާ އިން ކަމަށް އެކުދިންނަށް ހީވެދާނެ ކަމަށެވެ. ކަރަން ބުނީ އެކުދިން އަމިއްލަ އަށް ދިރިއުޅުމުގެ ކަންކަން ނިންމުމުގެ ފުރުސަތު އޭނާ ދޭނެ ކަމަށެވެ.

"އަހަރެން އެ ދެކުދިންނަށް އެއްވެސް ކަމެއްގައި މަޖުބޫރެއް ނުކުރާނަން،" އޭނާ ބުންޏެވެ.