ދެހާސް އަށް ވަނަ އަހަރު ރިލީޒް ކުރި އަކްޝޭ ކުމާރުގެ ކާމިޔާބު ފިލްމު 'ސިންގް އިޒް ކިންގް'ގެ ސީކުއަލް އަށް ރަންވީރު ސިންގް ހަމަޖައްސައިފައިވީ ނަމަވެސް، ފިލްމަށް އޭނާ ނޫނެކޭ ބުނެފި އެވެ.

ޕްރޮޑިއުސަރު ޝަލެންދަރު ސިންގްގެ 'ޝޭރް ސިންގް' އަށް ރަންވީރު ނޫނެކޭ ބުނީ މަނީޝް ޝަރްމާގެ ކުރިއަށް އޮތް ފިލްމަށް ވަގުތު ދިނުމަށް ކަމަށް ޚަބަރުތައް ބުނެ އެވެ.

މަނީޝް އާއި ރަންވީރު ވަނީ މީގެ ކުރިން 'ބޭންޑް ބާޖާ ބާރާތު'ގައި ވެސް މަސައްކަތް ކޮށްފަ އެވެ. 'ޝޭރް ސިންގް' އަށް ރަންވީރު އިންކާރު ކުރީ، މަނީޝްގެ ފިލްމަށް މާކުރިން އެއްބަސްވެފައި ވާތީ ކަމަށްވެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން، ރަންވީރު ފިލްމު ދޫކޮށްލުމުން ޝެއިލެންދަރަށް ވަނީ ވަރަށް ބޮޑު ޝޮކެއް ލިބިފަ އެވެ. ރަންވީރު ފިލްމު ދޫކޮށްލާފައި ވަނީ ސްކްރިޕްޓް ކިޔުމަށް ފަހު އިތުރު ބައްދަލުވުންތަކެއް ވެސް ކުރިއަށް ގެންދިއުމަށް ފަހު އެވެ.

ރަންވީރުގެ ނިންމުމާ ގުޅިގެން ޝެއިލެންދަރު އޭނާ އާ ދޭތެރޭ ހިތްހަމަނުޖެހިފައި ހުރި ކަމަށާއި އޭގެ ފަހުން ދެމީހުން ވާހަކަ ނުދައްކާ ކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

އަދި ޝެއިލެންދަރު މިހާރު އަންނަނީ 'ޝޭރް ސިންގް' އަށް އެހެން ލީޑު އެކްޓަރެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.