06 Jan 2018, 00:10
ރޭގެ ވަގުތެއްގައި ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒީ)އިން ފެނުނު ސްރީލަންކާގެ މަސްބޯޓަކަށް ދިވެހި ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފްއިން ބުނިގޮތުގައި، ރޭ ފެނުނީ ސްރީލަންކާއަށް ނިސްބަތްވާ ދެ މަސްބޯޓެވެ. އޭގެ ތެރެއިން އެއް ބޯޓުގެ އިންޖީނު އޮތީ ހުއްޓިފައެވެ. އެ ދެ އުޅަނދުވެސް ފެނުނީ ދިވެހި އަސްކަރިއްޔާގެ ކޯސްޓްގާޑު ޝިޕް ހުރަވީއަށެވެ.
އެމްއެންޑީއެފުން ބުނީ އިންޖީނު ހުއްޓިގެން ހާލުގައި ޖެހިފައި އޮތް ބޯޓަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށާއި، ދެ ބޯޓުވެސް މިހާރު ރާއްޖޭގެ ސަރަހައްދުން ފުރާފައިވާ ކަމަށެވެ.
ލަންކާގެ ދެ މަސްބޯޓު ރޭ ފެނުނީ، އިންޑިއާ ކަނޑުގައި އުފެދުނު ތޫފާނު އޯޗީގައި އިންޑިއާގެ ޓެމިލް ނާޑޫއަށް ނިސްބަތްވާ މަސްވެރިކަން ކުރާ ބޯޓުތަކެއް ގެއްލިފައިވާތީ، އެ ބޯޓުތައް ހޯދުމުގެ ޚާއްސަ އޮޕަރޭޝަނެއް އިންޑިއާގެ މަސްވެރިން ހިންގަމުންދާ ދަނޑިވަޅެއްގައެވެ.
އޯޗީގައި ގެއްލުނު މަސްވެރިން ހޯދުމަށް އެމީހުންގެ އެކުވެރި މަސްވެރީންތަކެއް ރާއްޖެއާ ދިމާލަށްވެސް މިސްރާބު ޖަހައި، ރާއްޖޭގެ ސަރަހައްދުވެސް ބެލުމަށް ވަނީ ނިންމާފައެވެ.
މި މަސްވެރިން ރާއްޖެ އައުމަށް ހުއްދަ ނެގީ ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީ މެދުވެރިކޮށެވެ. މި އޮޕަރޭޝަނުގައި ރާއްޖޭގެ ފަޅުރަށްތަކުގައި އިންޑިއާގެ ގެއްލުނު މަސްވެރިން ތިބިތޯ ބަލާނެއެވެ.