05 Jan 2018, 23:15
ރ. މަޑުއްވަރީން ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ގެއްލިފައިވަނީ ރ. މަޑުއްވަރީ ކޯދު،19، އާމިނަތު ޝަބާއެވެ.
ޝަބާގެ މަންމަ އަޒީޒާ އަހްމަދު މިރޭ "ސަން"އަށް ބުނީ، ޝަބާ އެންމެ ފަހުން ފެނުނީ މިއަދު ހަވީރު 4:30 ހާއިރު، އޭނާ ދިރިއުޅޭ ގެއިން ކަމަށެވެ.
"މިއަދު މެންދުރުން ފެށިގެން އެހާ އިރު ވަންދެން އޭނަ ހުރީ ގޭގެ ގޯތިތެރޭގައި އޭނަގެ ބައްޕައާ ކާފައާ އެކު ވާހަކަ ދައްކަން،" އަޒީޒާ ބުންޏެވެ.
އަޒީޒާ ބުނީ ޝަބާއާ އާއިލާއާ ދެމެދު މައްސަލައެއް ޖެހިގެން ނޫޅޭ ކަމަށާއި، ނަމަވެސް އޭނާގެ އުޅުމާ މެދު ހިތްހަމަނުޖެހިގެން އާއިލާއިން ދިޔައީ ޝަބާއާ ވާހަކަ ދައްކަމުން ކަމަށެވެ.
"އެކަމާ ހިތްހަމަނުޖެހިގެން މިއަދު ގެއިން ނުކުމެގެން ދިޔައީ. ޝަބާގެ ބައްޕަ ސައިތައްޓެއް ބޯލުމަށް ހަވީރު ގޭތެރެއަށް ވަން ވަގުތުކޮޅު އޭނާ ދިޔައީ،" ޝަބާގެ މަންމަ ބުންޏެވެ.
މަޑުއްވަރީގެ ފިހާރައެއްގައި މަސައްކަތް ކުރާ ޝަބާ ވަޒީފާއަށް ނުދާތާވެސް ދެ ދުވަހެއް ވަރު ވެދާނެ ކަމަށް ޝަބާގެ މަންމަ އަޒީޒާ ބުންޏެވެ.
ޝަބާގެ ޚަބަރެއް ނުވެގެން އާއިލާގެ ފަރާތުން ފުލުހުންނަށާއި ރަށު ކައުންސިލަށް ހުށަހެޅީ މިރޭއެވެ.
ރ. މަޑުއްވަރީ ކައުންސިލްގެ ރައީސް އަބްދުﷲ އަހްމަދު "ސަން"އަށް ވިދާޅުވީ، ކައުންސިލުން ގެންދަނީ ޝަބާގެ އާއިލާއާއި ފުލުހުންނާ ގުޅިގެން، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.