ވޮޝިންޓަން (ޖަނަވަރީ 5): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުޅުއްވާގޮތާއި އޭނާގެ ސުލޫކު ހުންނަ ގޮތާބެހޭގޮތުން ފޮތެއްލިޔުއްވި މައިކަލް ވުލްފަކީ މޮޔައެއްކަމަށް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް ވިދާޅުވީ "ފަޔާ އެންޑް ފިއުރީ: އިންސައިޑް ދަ ޓްރަމްޕް ވައިޓް ހައުސް" މި ނަމުގައި މައިކަލް ވުލްފް އެކުލަވާލި ފޮތުގައިވަނީ ހުސް ދޮގުކަމަށާއި ވުލްފަކީ ބުއްދި ފިލައި ގޮސްފައިވާ މީހެއް ކަމަށެވެ. ވުލްފުގެ ފޮތް މިހާރުވަނީ ނެރެފައެވެ. މިއަދު އެމެރިކާއަށް އިރު އަރާއިރު އެފޮތް އެމެރިކާގެ ބާޒާރުތަކުން ލިބެން ހުންނާނެއެވެ. ވުލްފުގެ ފޮތް ޝާއިއުކުރުން ހުއްޓުވުމަށް ޓްރަމްޕްގެ ގާނޫނީ ޓީމުން އެންމެފަހުވަގުތު ނާކާމިޔާބު މަސައްކަތްތަކެއްވެސް ކުރިއެވެ.

އެޓީމުގައި ހިމެނޭ ޗާލްސް ހާޑަރ ވަނީ އެފޮތް އެމެރިކާގައި ޝާއިއުކުރުން ހުއްޓުވުމުގެ ކޯޓު އަމުރެއް ނެރުމަށް މަސައްކަތް ކުރައްވާފައެވެ. ނަމަވެސް މައްސަލަ ހުށަހެޅި އެމެރިކާ ކޯޓުން މިފަދަ އަމުރެއް ލިބޭގޮތެއްނުވުމުން ޓްރަމްޕާއި އޭނާގެ އާއިލާއަށްވަނީ މާޔޫސްކަން ލިބިފައެވެ. މައިކަލް ވުލްފް ލިޔުއްވާފައިވާ ފޮތުގައި އެމެރިކާގެ ވެރިކަން ހިންގުމުގައާއި ވައިޓް ހައުސްގެ ރަސްމީ މުއާމަލާތްތަކުގައި އެމެރިކާގެ ގާނޫނުތަކާ ރަސްމީ ޕްރޮޓޮކޯލްތަކާ ފުށުއަރާގޮތަށް ޓްރަމްޕް ގެންގުޅުއްވާ ދޯދިޔާ ގޮތްތައް ބަޔާންކޮށްފައިވެއެވެ. އެގޮތުން ރަސްމީ ގަޑިތައް ވައިޓް ހައުސްގައި ޓްރަމްޕް ހޭދަކުރައްވަނީ ރައްޓެހިންނާ ބައްދަލުކޮށް މަޖާނެގުމަށާއި އޭނާ ބަލާހިތްވާ ބާވަތުގެ ޓީވީ ޗެނެލްތައް ބެއްލެވުންފަދަ ބޭކާރުކަންކަމުގައިކަން ހެއްކާއި ގަރީނާއާއި ހުއްޖަތާއެކު އެފޮތުގައި ބަޔާންކޮށްފައިވެއެވެ.

ޓްރަމްޕް ބައްލަވަންޖެހޭ އެމެރިކާގެ ރަސްމީ ލިޔުންތައްވެސް ދިގުނަމަ އެލިޔުންތައް އޭނާ ނުބައްލަވާ ކަމާއި ޓްރަމްޕަށް ކަންކަން ކޮންސެންޓް ނުކުރެވޭ މައްސަލަވެސް ފާހަގަކޮށްފައި ވެއެވެ. އެ ފޮތުގައިވާ ބައެއް މައުލޫމާތު ފޮތް ޝާއިއުކުރުމުގެ އެއްދުވަސްކުރިން ލަންޑަންގައި ނުކުންނަ "ދަ ގާޑިޔަން" ނޫހުންވަނީ ހާމަކޮށްފައެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބު ޓްރަމްޕަށް ކާމިޔާބު ވާނެކަން ކަށަވަރުވިކަމުގެ މައުލޫމާތު ޓްރަމްޕަށް ދިނުމުން އޭނާ ބިރުން ހަދާނެގޮތް ހުސްވި ކަމާއި މިފަދަ ބޮޑު ޒިންމާއަކާ ހަވާލުވާންޖެހުމުން ޓްރަމްޕްގެ އަނބިކަނބަލުން މިލީނިޔާ ޓްރަމްޕް ކީރިތި ކުރެއްވިކަންވެސް ފޮތުގައި ހާމަކޮށްފައިވެއެވެ. އަދި އެމެރިކާގެ ފުރަތަމަ އަންހެން ރައީސްކަމުގެ މަގާމު ހޯދުމަށް ޓްރަމްޕުގެ ދަރިކަނބަލުން އިވަންކާ މަސައްކަތް ކުރަމުންދާ މިންވަރުވެސް ހާމަކޮށްފައިވެއެވެ.

މީގެއިތުރުން ޓްރަމްޕްގެ ވެރިކަމުގައި ވައިޓްހައުސްގައި ހިނގަމުންދާ ކޯޅުންތަކާއި އެމެރިކާގެ ވެރިކަން ހިންގުމުގައާއި ވައިޓް ހައުސްގެ ރަސްމީ މުއާމަލާތްތަކުގައި އެމެރިކާގެ ގާނޫނުތަކާ ރަސްމީ ޕްރޮޓޮކޯލްތަކާ ފުށުއަރާގޮތަށް ޓްރަމްޕާއި އޭނާގެ އާއިލާގެ ބޭފުޅުން އަމިއްލަ ގޭގައި އުޅުއްވާ ގޮތަށް ވައިޓް ހައުސްގައި އުޅުއްވާ ގޮތްތައްވެސް މައިކަލް ވުލްފް އެފޮތުގައި ބަޔާންކޮށްފައިވެއެވެ.

ވުލްފަކީ ޓްރަމްޕްގެ ވެރިކަމުގެ ކުރީކޮޅު ވައިޓް ހައުސްގައި އުޅުއްވި ބޭފުޅެކެވެ. މީގެއިތުރުން އޭނާއަކީ ރިޔާސީ ކޭންޕޭންގެ ދުވަސްވަރު ޓްރަމްޕާ ވަރަށް އަރިސް ބޭފުޅެއްވެސް މެއެވެ. ވުލްފް ގެ ފޮތާއެކު ޓްރަމްޕަކީ އެމެރިކާގެ ވެރިކަމަށް ތަސައްރަފް ނުފުދޭ ބޭފުޅެއްކަން އެމެރިކާއަށާއި މުޅި ދުނިޔެއަށް ހާމަވާނެތީ ޓްރަމްޕަށް ވަނީ ބޮޑު ލަދުވެތިކަމަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ. އެފޮތުގައިވާ މައުލޫމާތާ ގުޅިގެން ޓްރަމްޕާއި އޭނާގެ ދަރިކަލުންނާއި ދަނބިދަރިކަލުންނާއި އަންހެން ދަރިކަލުން އިވަންކާ ހޫނުފެނަށް ވެއްޓިފައިވާ ކަމަށް އެމެރިކާގެ މީޑިއާއިން ބުނެއެވެ.

ވުލްފްގެ ފޮތް ތައްޔާރުކުރުމަށް މައުލޫމާތު ދެއްވި ބޭފުޅުންގެ ތެރޭގައި ޓްރަމްޕްގެ ކުރީގެ މުސްތަޝާރެއްކަމަށްވާ ސްޓީވް ބެނަންގެ އިތުރުން ޓްރަމްޕާ ވަރަށް ގާތުގައި އުޅުއްވި ސަތޭކައެއްހާ ބޭފުޅުން ހިމެނޭކަމަށް ވެއެވެ. އެފޮތުގައިވާ މައުލޫމާތާ ގުޅިގެން ވުލްފުގެ މައްޗަށް ދައުވާ ކުރުމަށް ޓްރަމްޕް ގެ ޓީމުން މަސައްކަތް ކުރިނަމަވެސް ވުލްފް ގެ އަތުގައި އޭނާގެ ފޮތުގައިވަނީ ތެދު މައުލޫމާތުކަން ހާމަކުރެވޭ މިންވަރަށް އެ މައުލޫމާތު ދެއްވި ބޭފުޅުންގެ އަޑުން އެމައުލޫމާތުތަކުގެ ރެކޯޑިންތައް އެބަހުއްޓެވެ. އެހެންކަމުން ޓްރަމްޕްގެ ގާނޫނީ ޓީމަށް މިކަމުގައި ކުރެވޭނެ މާބޮޑު ކަމެއްނޯންނާނެކަމަށް ގާނޫނީ މާހިރުން ދެކެއެވެ.

ވުލްފްގެ ފޮތަށް މައުލޫމާތު ދެއްވި އެއްބޭފުޅަކީ ވައިޓް ހައުސްގެ ކުރީގެ މުސްތަޝާރު ސްޓީވް ބެނަންއެވެ. މިމައްސަލާގައި އޭނާއާ ދެކޮޅަށް ގާނޫނީ ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރު ޓްރަމްޕްގެ ގާނޫނީ ޓީމުގައި ހިމެނޭ ޗާލްސް ހާޑަރ ދެއްވާފައިވެއެވެ.

އޭނާ ވިދާޅުވީ "ފަޔަރ އެންޑް ފިޔުރީ: އިންސައިޑް ދަ ޓްރަމްޕް ވައިޓް ހައުސް" ގެ ނަމުގައި ޓްރަމްޕް ބޭޒާރު ކުރުމަށް ފޮތެއް ލިޔެގެން އުޅުއްވާ މައިކަލް ވުލްފަށް ވައިޓް ހައުސްގެ އެތެރޭގެ މައުލޫމާތު ދެއްވީ ސްޓީވް ބެނަން ކަމަށާއި އެމައްސަލާގައި ބެނަންއާ ދެކޮޅަށް ދައުވާ ކުރާނެކަމުގައެވެ. (ނޫސްއެޖެންސީތައް)