މޮނާކޯ އަދި އޭސީ މިލާންގައި ވިދާލި މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޖޯޖު ވިއާ، ކުޅުންތެރިއެއްގެ ގޮތުގައި ރިޓަޔާވެ، ލައިބީރިއާގެ ރައީސް ކަމަށް އިންތިޚާބުވި ގޮތުގެ ވާހަކައަކީ ފިލްމެއް ހެދިދާނެ ފަދަ ވާހަކައެއް ކަމަށް އާސެނަލްގެ މެނޭޖަރު އާސެން ވެންގާ ބުނެފި އެވެ.

ލައިބީރިއާގެ އައު ރައީސް ކަމަށް ހޮވުނު ޖޯޖު ވިއާ ހުވާކުރުމުގެ ރަސްމިއްޔާތަށް ވެންގާ އަށް ދައުވަތު ދީފައިވާއިރު، ވެންގާ ވަނީ ޖޯޖު ވިއާގެ މޮނާކޯ ކެރިއަރުގެ ބައެއް ދުވަސްތައް މީޑިއާއި ހިއްސާކޮށްފަ އެވެ. ނަވާރަ ސަތޭކަ އަށްޑިހަ އަށް ވަނަ އަހަރުން ފެށިގެން 1992 ވަނަ އަހަރަށް ވެންގާ މޮނާކޯގެ މެނޭޖަރުގެ މަގާމުގައި ހޭދަ ކޮށްފައިވާއިރު، ޖޯޖު ވިއާވެސް މޮނާކޯގައި ހޭދަކޮށްފައިވަނީ އެ މުއްދަތުގައެވެ.

ވެންގާ އާއި ޖޯޖު ވިއާ މޮނާކޯގައި ހޭދަކުރި ދުވަސްވަރުގެ ތެރެއިން --- ފޮޓޯ: ގޯލް.ކޮމް

ޖޯޖު ވިއާއާ ގުޅޭގޮތުން ވެންގާ ބުނެފައިވަނީ، ލައިބީރިއާގެ ގިނަ ބައެއްގެ ތާއީދު ހޯދައި ވެރިކަމަށް އިންތިހާބުވުމަކީ ގަބޫލުކުރަން ދަތި ކާމިޔާބީއެއް ކަމަށެވެ.

"ޖޯޖު ވިއާގެ ދިރިއުޅުމަކީ ފިލްމެއް ކަހަލަ ދިރިއުޅުމެއް. ގަބޫލު ކުރަންވެސް ދަތި. ކުޅުންތެރިއެއްގެ ގޮތުގައި މޮޅު ކެރިއާއެއް ނިންމާލައި، ލައިބީރިއާގެ ރައީސް ކަމަށް އައި ގޮތުގެ ވާހަކައަކީ ފިލްމެއް ހެދިދާނެ ފަދަ ވާހަކައެއް،" ވެންގާ ބުނެފައިވެ އެވެ.

ވެންގާ ބުނީ ޖޯޖު ވިއާ މޮނާކޯއަށް ފުރަތަމަ އައި ދުވަސް ވެސް އޭނާ ހަނދާން އެބަހުރި ކަމަށެވެ. އަދި އޭނާއާއެކު ލައިބީރިއާގެ ހަނގުރާމައިގެ ތެރެއަށްކުރި ދަތުރުގެ ހަނދާންތައްވެސް ވެންގާވަނީ ހިއްސާ ކޮށްފަ އެވެ.

"މޮނާކޯއަށް ޖޯޖު އައި ފުރަތަމަ ދުވަހުގެ ހަނދާން އަހަރެއް އެބަހުރި، ވަރަށް އާވެފަ، ވާހަކަ ދައްކާނެ މީހެއްވެސް ނެތިފަ ހުރިީ. އެއްވެސް މީހަކަށް ނުފެނި އޭރު ހުރި ކުޅުންތެރިއަކު 1995 ވަނަ އަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްވެ ގައުމެއްގެ ރައީސަކަށް މިއަދުވަނީ ވެފަ. އަހަރެން ދިޔައިން ޖޯޖާއެކު ލައިބީރިއާގައި ހަނގުރާމައެއް ހިނގަނިކޮށް. ގައުމު ސުންނާފަތި ވެފައިވާ މަންޒަރު ފެނުމުން އޭނާއަށް ކުރި އަސަރު ފެނުނު. މިއަދު ޖޯޖު ރައީސް ކަމަށް އެރުމުގެ ސިއްރަކީވެސް ގައުމުގެ މީހުންނަށް ހުރި ލޯބި،" ވެންގާ އޭނާގެ ހަނދާންތައް ހިއްސާކުރަމުން ބުނެފައިވެ އެވެ.

ޖޯޖު ވިއާ އޭނާގެ ބެލޮންޑިއޯއާ އެކު. ޖޯޖު ބެލޮންޑިއޯ ހޯދީ 1995 ވަނަ އަހަރު އޭސީ މިލާންއަށް ކުޅެމުން. --- ފޮޓޯ: ޑެއިލީ މެއިލް

ވެންގާ ބުނީ ޖޯޖު ވިއާ ލައިބީރިއާގެ ރައީސަކަށް ހޮވުނު ދުވަހުވެސް އޭނާގެ ހިޔާލަށް އައީ ހަނގުރާމައިގެ ސަބަބުން އޭނާ ރުއި ރުއިން ކަމަށެވެ.

"އަހަރެން އެދެނީ ޖޯޖު ވިއާއަށް އުފާވެރި ދުވަސްތަކެއް، އޭނާއަކީ މިހާރު ކުޅޭ ހުރިހާ ކުޅުންތެރިންނަށް ނަމޫނާއެއް." ވެންގާ އިތުރަށް ބުންޏެވެ.

ރައީސް ކަމަށް ޖޯޖު ވިއާ ވާދަކުރީ ޖޯސެފް ބޯކައިއާ އެވެ. މިދިޔަ މަހުގައި ނެގި ވޯޓު ޖޯޖު ވިއާ ކާމިޔާބުކުރީ 60 ޕަސެންޓަށްވުރެ ގިނަ ވޯޓު ހޯދައިގެންނެވެ.

ފުޓުބޯޅަ ކެރިއާގައި ޖޯޖު ވިއާ ވަނީ މޮނާކޯއާއި އޭސީ މިލާންގެ އިތުރުން ޕީއެސްޖީ، ޗެލްސީ، މާސޭ އަދި މެންޗެސްޓާ ސިޓީއަށްވެސް ކުޅެފައެވެ. ކެރިއާގައި 411 މެޗުން 193 ގޯލް ޖަހާފައިވާ ޖޯޖު ވިއާވަނީ 1995 ވަނަ އަހަރުގެ ބެލޮންޑިއޯ އަދި ފީފާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދުމުގެ އިތުރުން ގިނަ ފަހަރެއްގެ މަތިން ފީފާގެ ގަދަ 11 ގައި ހިމެނިފަ އެވެ.