އަންކާރާ(05 ޖެނުއަރީ): އެމެރިކާ އާއި އިސްރާއިލުން ދަނީ އިރާނާއި ޕާކިސްތާނުގެ ދާހިލީ ކަންތައްތަކާ ބެހެމުން ކަމަށް ބުނެ ތުރުކީގެ ރައީސް ތައްޔިބް އުރުދުއާން އެކަން ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފި އެވެ.

ފްރާންސަށް ކުރެއްވުމަށް ހަމަޖެހިފައި އޮތް ދަތުރުގެ ކުރިން އުރުދުއާން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އެމެރިކާ އިން ހަމައެކަނި ބެހެނީ އިރާނާއި ޕާކިސްތާނުގެ ދާހިލީ ކަންތައްތަކާ ނޫން ކަމަށާއި އިރާގާއި ސީރިއާ، ލީބިޔާ ޓިއުނީޝިއާ، ސޫދާން އަދި ޗާޑު ފަދަ ގައުމުތަކުގެ ދާހިލީ ކަންތައްތަކާ ވެސް އެމެރިކާ އިން ބެހޭ ކަމަށެެވެ.

އިރާނުގައި މިހާރު ކުރިއަށްދާ މުޒާހަރާތަކާ ގުޅިގެން، އެ މުޒާހަރާތަކަށް ފުރިހަމައަށް ތާއިދުކުރާކަން އެމެރިކާ އާއި އިސްރާއިލުން ވަނީ ބުނެފަ އެވެ.

ޕާކިސްތާނުން ޓެރެރިޒަމް ނައްތާލުމަަށް ފުރިހަމައަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޕާކިސްތާނަށް ވަރަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދީފަ އެވެ.

އިރާނާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކުމުގައި އެހީތެރިވި ކަމަށް ބުނެ އެމެރިކާ އިން ވަނީ ތުރުކީގެ ހޯލްކް ބޭންކުގެ ސީއީއީ މެހްމެތު ހަކާން އަތިލާ ވަނީި ދާދި ފަހުން ހައްޔަރުކޮށްފަ އެވެ. އެ މައްސަލާގައި ތުރުކީ އާއި އެމެރިކާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.

ތުރުކީއިން ބުނީ މެހްމަތުގެ ޝަރީއަތް އިންސާފުވެރި ނޫން ކަމަށެވެ.

މަސްދަރު: އެކްސް ޕްރެސް ޓްރިބިއުން ޕާކިސްތާން