05 Jan 2018, 21:00
ސައުދި އަރަބިއްޔާގެ ގައުމީ ތެޔޮ ކުންފުނި "ސައުދީ އަރަމްކޯ"ގެ ހިއްސާ އާންމުންނަށް ވިއްކުމަށްޓަކައި، އެކުންފުންޏަކީ ޖޮއިންޓް ސްޓޮކް ކުންފުންޏެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.
މިއަހަރުގެ ތެރޭގައި އަރަމްކޯގެ ހިއްސާ އާންމުންނަށް ވިއްކުމަށްޓަކައި ހިންގާ އިނީޝަލް ޕަބްލިކް އޮފަރިންގް (އައިޕީއޯ)އަކީ، 2030 ވަނަ އަހަރަށް ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ގެންގުޅުއްވާ ތަސައްވަރުގެ ދަށުން ކުރާ ބޮޑު މަސައްކަތެކެވެ. އަރަމްކޯ ޕަބްލިކް ކުންފުންޏަކަށް ހެދުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.
ވަލީއަހުދުގެ މި ތަސައްވަރަކީ ސައުދީން ތެލަށް ވާ ބަރޯސާ ކުޑަކުރުމަށްޓަކައި ރާވައިގެން ހިންގާ ކަމެކެވެ.
ސައުދީ އަރަމްކޯގެ އިސްވެރިއަކު ރޮއިޓާސްއަށް ވިދާޅުވި ގޮތުގައި، ކުންފުންޏެއް އައިޕީއޯ ފެށުމަށްޓަކައި ހިއްސާގެ ބާޒާރުގައި ލިސްޓުކުރުމުގެ ކުރިން އެކުންފުނި ޖޮއިންޓް ސްޓޮކް ކުންފުންޏަކަށް ބަދަލުކުރަން ޖެހެއެވެ.
"މިކަމުގެ ސަބަބުން މުސްތަގުބަލުގައި ކުންފުނީގެ ބޮޑު ހިއްސާދާރު ކަމުގައިވާ ސަރުކާރާ އެކު، އެހެން އިންވެސްޓަރުންނަށްވެސް ކުންފުނީގެ ހިއްސާ ގެންގުޅެވޭނެ،" ސައުދީ އަރަމްކޯގެ އިސްވެރިއަކު ވިދާޅުވިއެވެ.
މިއަހަރުގެ ތެރޭގައި ސައުދީ އަރަމްކޯގެ އައިޕީއޯ ކުރިޔަށްދާ އިރު، މިއީ ތާރީޚުގައިވެސް އެންމެ ބޮޑު އައިޕީއޯއަށް ވުން ގާތެވެ. ބެލެވޭ ގޮތުގައި އަރަމްކޯގެ ހިއްސާ ވިއްކައިގެން 100 ބިލިޔަނެއްހާ ޑޮލަރު ކުންފުންޏަށް ލިބިދާނެއެވެ.
އަރަމްކޯގެ އައިޕީއޯއާ އެކު، ދުނިޔޭގެ އެކިއެކި ހިއްސާގެ ބާޒާރުތަކުގައި ކުންފުނި ލިސްޓުކުރުމަށްޓަކައި ސައުދީ ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
އައިޕީއޯއަށްފަހު، އަރަމްކޯގެ ބޯޑުގައި ތިބޭނީ 11 މެމްބަރުންނެވެ. އޭގެ ތެރެއިން ހަ މެމްބަރުން އައްޔަނުކުރާނީ މެޖޯރިޓީ ހިއްސާދާރު ކަމުގައިވާ ސައުދީ ސަރުކާރުންނެވެ. އަދި ކުންފުނީގެ ޗެއާމަންވެސް އައްޔަނުކުރާނީ ސައުދީ ސަރުކާރުންނެވެ.