މެންޗެސްޓާ ޔުނައިޓެޑް އަދި އެތުލެޓިކޯ މެޑްރިޑަށްވެސް ކުޅެފައިވާ ސުޓުރައިކަރު، ޑިއޭގޯ ފޯލާން ހޮން ކޮންގެ ކިޓްޗީއާއި ގުޅިއްޖެ އެވެ.

އުމުރުން 38 އަހަރުގެ ފޯލާން އަކީ ޔޫރަޕުގައި ކާމިޔާބު ކެރިއަރެއް ހޭދަކޮށްފައިވާ ކުޅުންތެރިއެކެވެ. އެގޮތުން އޭނާގެ ކުލަބު ކެރިއަރުގައި މިހާތަނަށް 684 މެޗު ކުޅެފައިވާއިރު، އޭނާވަނީ 268 ގޯލް ޖަހާފައެވެ. އާޖެންޓީނާގެ އިންޑިޕެންޑިއެންޓޭއިން ވިދާލި، ފޯލާންވަނީ 2001 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެ އެޓީމާއެކު ޕުރިމިއާ ލީގުގެ އިތުރުން އެފްއޭ ކަޕުވެސް އުފުލާލާފަ އެވެ. 2004 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް ވިލަރެއާލްއަށް ބަދަލުވެ، ހަތަރު ސީޒަން ފަހުން ފޯލާން ބަދަލުވީ އެތުލެޓިކޯ މެޑަރިޑަށެވެ. އެޓީމާއެކު އޭނާވަނީ ޔޫރޮޕާ ލީގާއި ޔޫއެފާ ސުޕާ ކަޕުވެސް ކާމިޔާބުކޮށްފަ އެވެ.

ފޯލާންވަނީ އުރުގުއޭ ގައުމީ ޓީމަށް ރެކޯޑު 112 މެޗު ކުޅެދީފަ އެވެ. ގައުމީ ޓީމަށް 36 ގޯލް ކާމިޔާބުކޮށްދިން ފޯލާންވަނީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ރަން ބޯޅައިގެ އިތުރުން އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފަ އެވެ. ފޯލާން ގައުމީ ޓީމަށް ކުޅުން ހުއްޓާލީ 2015 ވަނަ އަހަރުގަ އެވެ.

އަންނަ އަހަރު އޭއެފްސީ ޗެމްޕިއަންސް ލީގުގައި ވާދަކުރުމަށް ތައްޔާރުވަމުންދާ ކިޓްޗީ ވަނީ ވޭތުވެދިޔަ އަހަރު ހޮން ކޮން ލީގުގެ އިތުރުން ސީނިއާ ޝީލްޑް އަދި އެފްއޭ ކަޕުގެ ތަށިވެސް އުފުލާލާފަ އެވެ. ހޮން ކޮން ލީގުގެ ޗެމްޕިއަންކަން ހޯދުމުން ކިޓްޗީއަށްވަނީ އޭޝިއަން ޗެމްޕިއަންސް ލީގުގެ ގުރޫޕް ސުޓޭޖުންވެސް ޖާގަ ލިބިފަ އެވެ.

ދެހާސް އަށް ވަނަ އަހަރުން ފެށިގެން އޭއެފްސީ ކަޕު ކުޅެމުން އަންނަ ކިޓްޗީއަށް އެ މުބާރާތުގައި އެންމެ ދުރަށް ދެވިފައިވަނީ 2014 ވަނަ އަހަރު އެވެ. އެއީ މުބާރާތުގެ ސެމީ ފައިނަލަށެވެ. ކިޓްޗީވަނީ ދެފަހަރެއްގެ މަތިން އޭއެފްސީ ކަޕުގައި ރާއްޖޭގެ ނިއުރޭޑިއަންޓް ސުޕޯޓްސް ކުލަބާއި އެއް ގުރޫޕެއްގައިވެސް ވާދަކޮށްފަ އެވެ. އެގޮތުން 2008 ވަނަ އަހަރު މުބާރާތުގެ ދެވަނަ ބުރަށް ނިއު އަދި ކިޓްޗީވެސް ކޮލިފައިވެފައެއް ނުވެއެވެ. 2016 ވަނަ އަހަރު އޭއެފްސީ ކަޕުގައި ނިއުއާއި އެއް ގުރޫޕެއްގައި ވާދަކޮށް، ނިއު ގުރޫޕް ސުޓޭޖުން ކެޓި ނަމަވެސް، ކިޓްޗީވަނީ ގުރޫޕްގެ އެއްވަނަ ހޯދައި ގަދަ 16 އަށް ދަތުރުކޮށްފަ އެވެ. އެއަހަރު އޭއެފްސީ ކަޕުގެ ގަދަ 16 އިން ކިޓްޗީ ކެޓީ ފައިނަލް ކުޅުނު އިންޑިއާގެ ބެންގަލޫރު އެފްސީ އަތުން ބަލިވެގެންނެވެ.

އޭޝިއާގެ ފުޓުބޯޅައިން ޔޫރަޕުގެ "ވެޓެރަންސް" ގިނަ ކުޅުންތެރިންތަކެއް ދަނީ ފެންނަމުންނެވެ. އެގޮތުން ދާދި ފަހުން އިންޑޮނޭޝިއާގެ ކުލަބަކުން ކުރިން ޗެލްސީއަށް ކުޅުނު މިޑްފީލްޑަރު މައިކަލް އެސިއަން ފެނިފައިވާއިރު، އިންޑިއަން ސުޕަލީގުންވެސް ކުރިން ޔޫރަޕުގައި ކުޅެފައިވާ ގިނަ ކުޅުންތެރިންތަކެއް ދަނީ ފެންނަމުންނެވެ. އެގޮތުން ފާހަގަ ކޮށްލެވުނު ބައެއް ކުޅުންތެރިންގެ ތެރޭގައި ނިކޮލަސް އަނެލްކާގެ އިތުރުން ރޮބާޓް ޕިރޭސް އަދި މަޓަރެއްޒީ ފަދަ ކުޅުންތެރިން ހިމެނެ އެވެ.