05 Jan 2018, 20:40
އިސްލާމްއާބާދު (05 ޖެނުއަރީ): ޕާކިސްތާނުގައި ޓެރެރިސްޓް ހަމަލާތައް ދިނުމުގައި ހަރަކާތްތެރިވަނިކޮށް އެގައުމުން ހައްޔަރުކޮށްފައިވާ އިންޑިއާގެ ޖާސުސީ އޭޖެންޓް ކުލްބުޝާން ޖާދޭވް ޕާކިސްތާނަށް ވަރަށް ބޮޑަށް ތައުރީފުކޮށްފިއެެވެ.
ޕާކިސްތާނުން އިއްޔެ ނެރުނު ވީޑިއޯއެއްގައި ކުލްބުޝާން ބުނީ ޕާކިސްތާން އޭނާއާ ދޭތެރޭ ކަންތައްތައް ކޮށްފައިވަނީ ވަރަށް ރަނގަޅަށް ކަމަށާއި ނަމަވެސް އިންޑިއާގެ ޑިޕްލޮމެޓް އޭނާގެ މަންމައާއި އަންހެނުންނާ ދިމާއަށް ހަޅޭއްލަވައިފައިވާ ކަމަށެެވެ.
"އަހަރެންގެ އަންހެނުންނާއި މަންމަގެ މޫނުމަތިން ބިރުގެންފައިވާ ކަމުގެ ނިޝާންތައް އަަހަންނަށް ފެނުނު. އެމީހުންނަށް ވަނީ ބިރު ދައްކާފައި. އެ މީހުންނަށް ބިރުދެއްކުމުގެ ބޭނުމަކީ ކޮބާ؟ ވީކަމެއް މިހާރު އެއޮތީ ވެނިމިފައި. އަހަރަންގެ އާއިލާއާއެކު އައި އިންޑިއާގެ ޑިޕްލޮމެޓް ދިޔައީ ބައްދަލުވުން ނިމުނުތަނާހެން އަހަރެންގެ މަންމައާއި އަންހެނުންނާ ދިމަލަށް ހަޅޭއްލަވަމުން،" ކުލްބުޝާން ކިޔައިދިނެެވެ.
ކުލްބުޝާން ވަނީ ޕާކިސްތާނުން އޭނާގެ އާއިލާއާާ ބައްދަލުކުރުމުގެ ފުރުސަތު ދީފައިވާތީ އޭނާއަށް ޝުކުރު އަދާކޮށްފައެވެ.
ޕާކިސްތާނުން ނެރުނު ވީޑިއޯއަށް ރައްދުދީ އިންޑިއާއިން ބުނީ އެއީ ޕާކިސްތާނުން ހަދައިގެން އުޅޭ ޕްރޮޕެގަންޑާއެއް ކަމަށެވެ.
ކުލްުބުޝާން އޭނާގެ އާއިލާއާ ބައްދަލުކުރުމުގެ ފުރުސަތު ޕާކިސްތާނުން ދިނީ އެގައުމުގެ ބަނީ މުހައްމަދު އަލީ ޖިނާހުގެ އުފަންދުވަހުގެ މުނާސަބަތާ ގުޅިގެންނެވެ.
ޕާކިސްތާނުގެ ބޯޑަރާ ވަރަށް ކައިރީގައި އިރާނުގައި ހުރެގެން ކުލްބުޝާން ވަނީ ވަރަށް ގިނަ ޓެރެރިސްޓް ހަމަލާތައް ރާވައި ހިންގައިފަ އެވެ. އޭނާ އަތުލައިގަތީ އިރާނުގެ ތެރެއިން ޕާކިސްތާނުގެ ބޯޑަރު ސަރަހައްދެއް ކަމަށްވާ ބަލޫޗިސްތާނުގައި ހަރަކާތްތެރިވަމުން ދަނި ކޮށެވެ.
ކުލްބުޝާން އޭނާގެ ކުށަށް އިއުތިރާފްވިކަމުގެ ވީޑިއޯއެއް ވެސް ޕާކިސްތާނުން ވަނީ ނެރެފަ އެވެ.
ކުލްބުޝާންއަށް ޕާކިސްތާނުން ވަނީ މަރުގެ ހުކުމް އިއްވައިފަ އެވެ. ނަމަވެސް އިންޑިއާއިން އެ މައްސަލަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހަޅައިފައިވާތީވެ މަރުގެ ހުކުމް އަދި ތަންފީޒުކޮށްފައެއް ނުވެ އެވެ.
މަސްދަރު: އިންޑިއަން އެކްސްޕްރެސް