އުތުރު ކޮރެއާއިން މިސައިލު ޓެސްޓުކުރާތީ އެގައުމާ ދެކޮޅަށް އަޅާ ފިޔަވަޅުތަކުގެ ދަށުން، ޗައިނާއިން އުތުރު ކޮރެއާއަށް އެކްސްޕޯޓުކުރާ ތެލުގެ ބާވަތްތަކާއި ދަގަނޑުގެ ބާވަތްތައް ލިމިޓުކުރުމަށް ނިންމައިފިއެވެ.

އުތުރު ކޮރެއާއާ ދެކޮޅަށް އިގްތިސާދީ ގޮތުން ދަތިކުރުމުގެ ގޮތުން އާ ފިޔަވަޅުތަކެއް އެޅުމަށް އދ. އިން ވަނީ ނިންމައިފައެވެ. މިދިޔަ މަހު އދ. ގެ ސަލާމަތީ މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތުން މިކަން ނިންމީ މިދިޔަ މަހުގެ ތެރޭގައެވެ.

އެ މަޖިލީހުގައި ނިމިގެން ދިޔައީ އުތުރު ކޮރެއާއަށް ލިބޭ ސާފުނުކުރާ ތެލާއި، ޕެޓްރޯލިއަމުން އުފައްދާ ތަކެތި ލިމިޓު ކުރުމަށެވެ.

އުތުރު ކޮރެއާއާއެކު އެންމެ ބޮޑަށް ވިޔަފާރިކުރާ ޗައިނާއިން ބުނި ގޮތުގައި، މާދަމާއިން ފެށިގެން އެގައުމުން އުތުރު ކޮރެއާއަށް އެކްސްޕޯޓުކުރާ ތެލުގެ ބާވަތްތައް މަދު ކުރާނެ ކަމަށެވެ.

ޗައިނާގެ ކޮމާސް މިނިސްޓްރީގެ ބަޔާނެއްގައި ބުނެފައިވަނީ އުތުރު ކޮރެއާއަށް ކުރާ ތެލުގެ އެކްސްޕޯޓު ލިމިޓުކުރާއިރު، ދަގަނޑުގެ ބާވަތްތަކާއި އިންޑަސްޓްރިއަލް މެޝިނަރީގެ ވިޔަފާރި މާދަމާއިން ފެށިގެން ހުއްޓާލާނެ ކަމަށެވެ.

އަދި އުތުރު ކޮރެއާގެ މުދާވެސް ޗައިނާއަށް އިމްޕޯޓުކުރުން މަނާކުރެވޭނެ ކަމަށް ޗައިނާގެ ކޮމާސް މިނިސްޓްރީން ބުންޏެވެ.