ތޭރަ އަހަރު ދުވަސް އެވަޓަންގައި ހޭދަކުރުމަށްފަހު އެ ކުލަބު ދޫކޮށް، ޗެލްސީއަށް ދިއުމަށް އިނގެރޭސިވިލާތުގެ ރޮސް ބާކުލޭ ޗެލްސީގެ މެޑިކަލް މިއަދު ފުރިހަމަ ކުރާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ބީބީސީން ބުނެފަނީ ބާކުލޭގެ ޓުރާންސްފާއަށް އެވަޓަންއާއި ޗެލްސީއާ ދެމެދު 15 މިލިއަން ޕައުންޑުގެ އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.

އުމުރުން 24 އަހަރުގެ ބާކުލޭގެ އެވަޓަން ކޮންޓުރެކްޓް މި ސީޒަންގެ ނިއަލަށް ހަމާވާއިރު، އޭނާވަނީ ކޮންޓުރެކްޓް އައުކުރުމަށް އިންކާރު ކޮށްފަ އެވެ.

ނިމިދިޔަ ހޫނު މޫސުމުގެ ޓުރާންސްފާ ސީޒަންގެ އެންމެ ފަހު ދުވަހު ޗެލްސީން ބާކުލޭއަށް ހުށައެޅި ހުށައެޅުމަށް އޭނާ ނޫނެކޭ ބުނިނަމަވެސް، އޭގެ ދުވަސް ކޮޅެއްގެ ފަހުން އަނެއްކާވެސް ޗެލްސީންވަނީ މި ޖެނުއަރީގައި ބާކުލޭ އެ ކުލަބަށް ގެންދިއުމަށް ވާހަކަތައް ކުރިއަށް ގެންގޮސްފަ އެވެ.

ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާ އަކާ ގުޅިގެން ސީޒަންގެ ކުރީ ކޮޅުގައި ކުރި އޮޕަރޭޝަނުން ރިކަވާ ވަމުން އަންނަ ބާކުލޭ، އެވަޓަންގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފެއްޓީ ނިމިދިޔަ ޑިސެންބަރު މަހުގެ 22 ވަނަ ދުވަހު އެވެ. ބާކުލޭ މި ސީޒަންގެ އެއްވެސް މެޗެއްގައި އަދި ކުޅެފައި ނުވާއިރު، އޭނާގެ މަގާމު ފޫބެއްދުމަށް އެވަޓަންއިންވަނީ ފުރާންސްގެ މޯގަން ޝުނެޑާލިންގެ އިތުރުން ގިލްފީ ސިގަޑްސަންވެސް ނިމިދިޔަ ހޫނު މޫސުމުގެ ޓުރާންސްފާގައި އެ ކުލަބަށް ގެންގޮސްފަ އެވެ.

އުމުރުން 11 އަހަރުގައި އެވަޓަންގެ އެކަޑެމީއާ ގުޅުނު ބާކުލޭވަނީ އޭނާގެ އެވަޓަން ކެރިއާގައި އެޓީމަށް 150 މެޗު ކުޅެދީ 21 ގޯލް ޖަހާފަ އެވެ. އަދި އޭނާވަނީ އިނގެރޭސި ގައުމީ ޓީމަށްވެސް 22 މެޗު ކުޅެދީފަ އެވެ.