05 Jan 2018, 18:24
ހަތާވީސް އަހަރަށްފަހު މިސްރު ވޯލްޑް ކަޕަށް ކޮލިފައި ކޮށްދިން ވަގުތު ކޮޅުގެ އިހުސާސްތަކަކީ ކިޔައިދޭން ދަތި އިހުސާސްތަކެއް ކަމަށް އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މިސްރުގެ މުޙައްމަދު ސަލާހު ބުނެފި އެވެ.
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އިއުލާން ކުރުމަށް ރޭ ގާނާގައި ބޭއްވި ހަފްލާގައި، އެ މަގާމު ހޯދި ސަލާހު ބުނީ ގިނަ ދުވަސްތަކަކަށް ފަހު މިސްރު އަނބުރާ ވޯލްޑް ކަޕަށް ކޮލިފައި ކޮށްދިން ވަގުތު ކޮޅަކީ އޭނާއަށް ވަރަށް ޚާއްސަ އަދި ތާރީޚީ ވަގުތު ކޮޅެއް ކަމަށެވެ. އަދި އެވަގުތު ކޮޅަކީ އޭނާގެ އެވޯޑަށް ވަރަށް މުހިއްމު ވަގުތު ކޮޅެއް ކަމަށްވެސް ސަލާހު ބުންޏެވެ.
މިސްރު ވޯލްޑް ކަޕަށް ކޮލިފައިވީ ކޮލިފައިންގެ ފަހު މެޗުގައި ކޮންގޯ ބަލި ކޮށްގެންނެވެ. މެޗަށް ނުކުތްއިރު ކޮންމެހެންވެސް މޮޅުވާން ޖެހިފައި އޮތްއިރު، މިސްރުން މެޗު ކާމިޔާބުކުރީ 2-1 ނަތީޖާއަކުންނެވެ. މެޗުގައި މިސްރަށް ދެ ގޯލްވެސް ޖަހައިދިނީ ލިވަޕޫލްއަށް ކުޅެމުން އަންނަ ސަލާހެވެ. އޭނާގެ ދެވަނަ ގޯލަކީ މެޗު ނިމެން ސިކުންތު ކޮޅަކަށް ވެފައިވަނިކޮށް ކާމިޔާބުކުރި ޕެނެލްޓީއެކެވެ.
ވޭތުވެދިޔަ ސީޒަންގައި ރޯމާއަށް ކުޅުމަށްފަހު މި ސީޒަންގައި އިނގިރޭސި ލީގުގެ ލިވަޕޫލަށް ބަދަލުވި ސަލާހުވަނީ އޭނާގެ ގައުމީ ޓީމާއެކު ވޭތުވެދިޔަ އަހަރު އެފްރިކަން ކަޕު ފައިނަލަށްވެސް ދަތުރު ކޮށްފަ އެވެ. އެ މުބާރާތުގެ ފައިނަލްގައި މިސްރު ބަލިވީ މޮރޮކޯ އަތުންނެވެ.
ގައުމީ ޓީމުގެ އިތުރުން ކުލަބުގައިވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ސަލާހުވަނީ ރޯމާއަށް ވޭތުވެދިޔަ ސީޒަންގައި ކުޅުނު 31 މެޗުން 15 ގޯލް ޖަހައިދީފަ އެވެ. އަދި ލިވަޕޫލްއަށް ބަދަލުވެ އޭނާ އަންނަނީ ޕުރިމިއާ ލީގުގަވެސް ފިޔަޖަހަމުންނެވެ. އެގޮތުން އޭނާވަނީ ކުޅުނު 21 މެޗުގައި 17 ގޯލް ޖަހާފައެވެ.
ބީބީސީއިން ހޮވާ އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި ސަލާހު، އެފްރިކާ ފުޓުބޯޅަ އިދާރާއިން ހޮވާ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ 2015 ވަނަ އަހަރު މި އެވޯޑު ހޯދި ގޭބަންގެ ޕިއެރޭ އެމްރިކް އަބަމަޔާންގް އަދި ސަލާހާއެކު ލިވަޕޫލްއަށް ކުޅެމުން އަންނަ ސެނެގާލްގެ ސަޑިއޯ މަނޭއާ ވާދަކޮށްގެންނެވެ.

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވުމުގެ އެވޯޑު ނައިޓްގައި ސަލާހު (މ) --- ފޮޓޯ: ގޯލް. ކޮމް
މިދިޔަ އަހަރު އެފްރިކާ ކަޕުގެ ފައިނަލަށް ދިއުމާއި، ގިނަ ދުވަސްތަކަކަށްފަހު ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ތާރީޚީ އަހަރަކާއެކު މިއަހަރު އެވޯޑް ހަފްލާގައި އެފްރިކާގެ އެންމެ މޮޅު ގައުމީ ޓީމަކަށް ހޮވިފައިވަނީވެސް މިސްރުގެ ގައުމީ ޓީމެވެ.
އެފްރިކާގެ ފުޓުބޯޅަ އިދާރާއިން ހޮވާ އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި އެހެނިހެން މަގާމްތައް ހޮވަނީ އެގައުމުގެ ގައުމީ ޓީމުތަކުގެ ކޯޗުންގެ އިތުރުން ގައުމީ ޓީމުތަކުގެ ޓެކްނިކަލް ޑިރެކްޓަރުންގެވެސް ވޯޓުންނެވެ. އަދި މިއަހަރުގެ އެވޯޑަކީ ގައުމީ ޓީމުތަކުގެ ކެޕްޓަނުންގެ ވޯޓު ހިމެނި ފުރަތަމަ އެވޯޑެވެ.