05 Jan 2018, 19:10
އިސްރާއީލުގެ ވެރިރަށަކީ ގުދުސްކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ކަނޑައެޅި މައްސަލައިގައި ހިތްހަމަނުޖެހުން ފާޅުކޮށް، ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެކޮޅަށް އައިއެސް ޖަމާއަތުން ހަނގުރާމަ އިއުލާންކޮށްފިއެވެ.
މިކަން އިއުލާންކުރީ، މިސްރުގައި ހުންނަ އައިއެސްގެ ގޮފިން ނެރުނު ވީޑިއޯއެއްގައެވެ. އެ ވީޑިއޯގައި، ހަމާސްއާ ގުޅުންހުރި މީހެއްގެ ބޮލަށް ބަޑި ޖަހައި، މަރާލާ މަންޒަރެއްވެސް ފެނެއެވެ.
އެ ވީޑިއޯ މެދުވެރިކޮށް އައިއެސްއިން ބުނީ، ގުދުސްއަކީ އިސްރާއީލުގެ ވެރިރަށް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަނޑައެޅި ކަނޑައެޅުން ހުއްޓުވުމަށް ހަމާސް ޖަމާއަތް ނުކުޅެދުނު ކަމަށެވެ.
ހަމާސްއަކީ ފަލަސްތީނުގެ ޣައްޒާ ކޮންޓްރޯލްކުރާ ޖަމާއަތެކެވެ. ހަމާސްއާ މެދު އައިއެސްއިން ނުރުހުން ފާޅުކުރަން ފެށީ، ޣައްޒާގައި އުޅޭ ހަމާސްގެ މީހުންނަކީ ދީނީ ކަންކަމަށް އިސްކަން ނުދޭ ބައެއް ކަމަށް ބުނެ، 2015 ވަނަ އަހަރުން ފެށިގެންނެވެ.
އައިއެސްއިން ނެރުނު ވީޑިއޯގައި ވަނީ، "އެމީހުންނަށް" އަމާން ނުދިނުމަށާއި، ގޮވާ ޒާތުގެ ތަކެއްޗާއި ހަތިޔާރު ބޭނުންކުރުމަށް ގޮވާލައިފައެވެ.
"އެމީހުންގެ ކޯޓުތަކާއި ސަލާމަތީ ތަންތަނަށް ހަމަލާދީ. މިއީ އެމީހުން ތަޚުތުގައި ތިވުމުގެ ތަނބުތަކަކީ،" އެ ވީޑިއޯގައި މީހަކު ބުނެއެވެ.
އެ ވީޑިއޯ ނިމެނީ ހަމާސްގެ ލީޑަރު ޚާލިދު މިޝާލްއާއި އިރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ފޮޓޯއަކާ އެކުއެވެ.