ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ފޮނުވި ބެލިސްޓިކް މިސައިލް ހަމަލާއެއް ސައުދީން ނާކާމިޔާބު ކޮށްލައިފިއެވެ.

ސައުދީން މިކަން ހާމަކުރީ، ޔަމަނުގެ ހޫތީން މި ހަމަލާ ދީފައިވާކަން ހާމަކުރިތާ މާ ގިނައިރުތަކެއް ނުވެއެވެ.

ސައުދީ ސަރުކާރުގެ އަލް އަޚްބަރިއްޔާ ޓީވީ ޗެނަލުން ބުނީ، ސައުދީގެ އަސްކަރިއްޔާއިން މި ހަމަލާ ނާކާމިޔާބުކޮށްލީ ސައުދީގެ ދެކުނުގެ ނަޖްރާން ސަރަހައްދުގެ މަތިން ކަަމަށެވެ. ނަޖްރާންއަކީ ޔަމަނުގެ ބޯޑަރު ކައިރީގައި އޮންނަ ސަރަހައްދެކެވެ.

ހޫތީން ހިންގާ އަލް މަސީރާ ޓީވީއިން ބުނި ގޮތުގައި، ހޫތީން މިސައިލް ފޮނުވާލިތާ މާ ގިނައިރުތަކެއް ނުވެ، ސައުދީއާ ގުޅިފައިވާ އަސްކަރީ ބާރުތަކުން ޔަމަނަށް ބޮމުގެ ހަމަލާތަކެއް ދޭން ފެށިއެވެ. ނަމަވެސް އަލްޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި، މިކަން ކަށަވަރު ކުރެވިފައެއް ނުވެއެވެ.

އެމެރިކާއާއި އެހެނިހެން ގައުމުތަކުގެ އެހީއާވެސް އެކު، ސައުދީ އަރަބިއްޔާ އިސްވެ ހުރެ ޔަމަނުގެ ހޫތީންނާ ދެކޮޅަށް 2015 ވަނަ އަހަރުން ފެށިގެން ވަނީ ހަމަލާ ދޭން ފަށައިފައެވެ. މިހާތަނަށް ސައުދީ ކޯލިޝަނުން 15،000 އަށް ވުރެ ގިނަ ހަމަލާ ޔަމަނަށް ދީފައިވެއެވެ.

ޔަމަނުގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ޔަމަނުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ހާލުގައި ޖެހިފައެވެ. އެހީދޭ ޖަމާއަތްތަކުން ސިފަކުރާ ގޮތުގައި، ޔަމަނުގައި ހިނގަމުންދަނީ މިހާތަނަށް ދުނިޔޭގައި އުފެދުނު އެންމެ ބޮޑު ހިއުމެނިޓޭރިއަން ކްރައިސިސްއެވެ.