ޝަލަބީ އިބްރާހިމްގެ އަޑަކީ ދިވެހިންނަށް ވަރަށް ވެސް ހިތްގައިމު އަޑެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޝަލަބީ މަޝްހޫރުވެގެން ދިޔައީ ޕަބްލިކް ސާވިސް މީޑިއާއިން ކުރިޔަށް ގެންދާ ފްރެންޗައިޒް ޝޯ މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަނުންނެވެ.

އޭނާ ވަނީ ދިވެހީންގެ އެތައް ބައެއްގެ ހިތްތަކުން ލޯބި ހޯދާފައިވާ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒުގެ ރީތި ލަވައެއް، އޭނާގެ ޖާދުވީ ހިތްގައިމު އަޑުން ހުށަހަޅާލައި، އައިޑަލްގެ ޖަޖުން ސިއްސުވާލައިފައެވެ.

އެ ވަގުތުން ފެށިގެންވެސް ޖަޖުންގެ 'ފޭވަރިޓް' އަކަށް އޭނާ ވެގެން ދިޔަ އިރު އޭނާ ވެގެން ދިޔައީ މުޅި ސީޒަންގައި ވެސް ގިނަ ބަޔަކު ތާއީދު ކުރާ ލަވަކިޔުންތެރިޔާގެ އިތުރުން އެ ޝޯވްގެ ރަނަރަފަށެވެ.

އާ އަހަރަށް ބެލުންތެރިނަށް ހަދިޔާ އެއްގެ ގޮތުގައި ޝަލަބީ މި ވަނީ ދޮންވެލި ތުނޑި ކިޔާ ލަވައެއް ނެރެފައެވެ. ރަޒިއްޔާ ހަސަންގެ ލިރިކްސް އަކަށް ޝަލަބީ އާއި ރާފިޔަތު ރަމީޒާގެ އަޑުން މިވަނީ "ދޮންވެލި ތުނޑީ" ގައި އޭނާގެ ފޭނުން ޖާދޫގައި ޖައްސާލާފައެވެ.

ހިންދީ ލަވަ "ޔެ ރާތޭ ޔެ މޯސަމް" ގެ ރާގަށް ހަދާފައިވާ އެ ލަވައިގެ ރިކޯޑިން، މިކްސިން، މާސްޓަރިން އަދި ކޮމްޕޯސިން ހަދާފައިވަނީ ހައުސް އޮފް މިއުޒިކުންނެވެ.

ޝަލަބީ "ސަން" އަށް ދިން އިންޓަވިއުއެއްގައި ބުނީ އެ ލަވަ އަކީ ލޯބީގެ ހިތްގައިމު ރީތި ލަވައެއް ކަމަށެވެ.

އޭނާ ބުނީ ލަވަ ހަދާފައިވަނީ ލަވައިގެ ޕްރޮޑަކްޝަން ޓީމުގެ އަލީ ޝިފާންގެ މަންމަ ރަޒިއްޔާ ހަސަންގެ ލިރިކްސް އެއް ކަމަށެވެ.

"މިއީ ވަރަށް ރީތި ލަވައެއް. އަޑުއަހާލަން ވަރަށް ފަސޭހަ ލަވައެއް. އުންމީދަކީ އަޑުއެހުންތެރިންނަށް ޝަލަބީގެ އާ އަހަރުގެ ހަދިޔާ ރީތި ވެގެން ދާނެކަމަށް." ޝަލަބީ ބުންޏެވެ.

ޝަލަބީ އިތުރަށް ބުނީ ޝަލަބީގެ ގިނަ ލަވަތައް ދެން އަޑުއިވިގެން ދާނީ ލަވަފޮށިން ކަމަށެވެ.

އެ ލަވަ މިހާރު ލަވަފޮށިން އަޑުއަހާލެވޭނެ އެވެ.