13 Aug 2011, 10:43
އިންޑިޔާގެ އަމެޓް ކްރޫޒަސްގެ ދަތުރުތައް ޝެޑިއުލްކޮށް ހަފުތާއަކު ދަތުރެއް އަންނަ އޮކްޓޯބަރު މަހުން ފެށިގެން ރާއްޖެ އަށް ކުރާނެ ކަމަށް އަމެޓް ޝިޕިން ލިމިޓެޑުން ބުނެފި އެވެ.
އިންޑިޔާގެ ބިޒްނަސް ލައިންއިން ނޫހުގައި އަމެޓް ޝިޕިންއާ ހަވާލާދީ ބުނެފައި ވަނީ އެ ކުންފުނީގެ ކްރޫޒް ޝިޕެއް ކަމަށްވާ އެމްވީ އަމެޓް މެޖެސްޓީ ރާއްޖެ އަށާއި ލަކްޝަދްވީޕަށް ދަތުރު ފަށާނީ އަންނަ އޮކްޓޯބަރު މަހުގެ ފުރަތަމަ ހަފްތާގައި ކަމަށެވެ. އަދި އެ ދަތުރުތައް 2012 ވަނަ އަހަރުގެ އޭޕްރިލް މަހާ ހިސާބަށް ކުރިއަށް ގެންދާނެ ކަމަށް ވެސް އަމެޓް ޝިޕިންއާ ހަވާލާދީ އެ ނޫހުގައިވެ އެވެ.
އަމެޓް މެޖެސްޓީ ރާއްޖެ އަށާއި އިންޑިޔާގެ ދަށުގައިވާ ލަކްޝަދްވީޕަށް ދަތުރުކުރާނީ އިންޑިޔާގެ ކޮޗިން ބަނދަރުން ފުރައިގެން ކަމަށާއި ކޮޗިން އާއި ރާއްޖެއާ ދެމެދު އެބޯޓް ހަފްތާއަކު އެއް ފަހަރު ކުރާ މުޅި ދަތުރުގައި ]ރާއްޖޭގައި މަޑުކުރާ މުއްދަތާ އެކު[ ހަތަރު ދުވަސް ކަމަށް އަމެޓް ޝިޕިން އިން ބުނެފައިވެ އެވެ.
އަމެޓް ޝިޕިންގެ އޮފިޝަލުންނާ ހަވާލާދީ ބިޒްނަސް ލައިންގައި ބުނެފައި ވަނީ އަމެޓް މެޖެސްޓީގެ ދަތުރުތަކުގެ އަމާޒަކީ އިންޑިޔާގެ މެދުފަންތީގެ ފަތުރުވެރިން ކަމަށެވެ.
އިންޑިޔާއަކީ މިހާރު އެންމެ ގިނައިން ޓޫރިސްޓުންގެ ގޮތުގައި މީހުން ގައުމުން ބޭރަށް ދަތުރުކުރާ އެއް ގައުމު ކަމަށާއި ފޯކާސްޓް ކުރެވޭ ގޮތުގައި 2006 ވަނަ އަހަރާއި 2011 ވަނަ އަހަރާ ދެމެދު އެގައުމުގެ މީހުން ދަތުރުތަކަށް ކުރާ ހަރަދު 21 ބިލިޔަން ޑޮލަރަށް އަރާނެ ކަމަށް ބިޒްނަސްލައިންގައިވެ އެވެ.
ކްރޫޒް ޓޫރިޒަމަކީ ކުރިން ހަމައެކަނި މުއްސަނދިންނަށް ހާއްސަ ކަމެއް ކަމަށް ވިޔަސް މިހާރު އެކަން އަތްފޯރާ ފަށަށް އަންނަމުންދާ ކަމަށް ވެސް އެނޫހުގައިވެ އެވެ.