އިނގިރޭސިވިލާތާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަޝްވަރާތައް ފެށުމަށް މަސައްކަތްކުރަމުންދާ ކަމަށް ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހްމަދު ޝިއާން ވިދާޅުވެއްޖެއެވެ.

ޕަބްލިކް ސާވިސް މީޑީއާ (ޕީއެސްއެމް)އަށް ދެއްވި އިންޓަވިއުއެއްގައި ސަފީރު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތުގައި އިނގިރޭސިވިލާތަކީ މުހިންމު މާކެޓެއް ކަމަށެވެ. އަދި އިނގިރޭސިވިލާތް ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ވަކިވުމާއެކު އެ މަޝްވަރާތައް ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

"އިނގިރޭސިވިލާތް ޔޫރަޕިއަން ޔޫނިއަނުން ވަކިވުމާ ހިސާބުން އެއީ މިއަންނަ އަހަރުގެ މާޗުގައި. އެ ހިސާބުން ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ އެކީގައި ފްރީ ޓްރޭޑް އެގްރީމަންޓެއް ގާއިމުކުރުމާ ގުޅޭގޮތުންވެސް މަޝްވަރާތައް ކުރިއަށްދާނެ. މިވަގުތަކު މަޝްވަރާއެއް ނުކުރެވޭނެ، އެއީ އެ ގައުމުން އަދި އީޔޫއަކުން ވަކިނުވޭ. އީޔޫއިން އިނގިރޭސިވިލާތް ވަކިވުމަށްފަހު ދެން އަޅުގަނޑުމެންނަށް އެ ފުރުސަތު ލިބިގެންދާނެ އެ ގައުމާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ދާން،" ޕީއެސްއެމްއަށް ދެއްވި އިންޓަވިއުގައި ސަފީރު ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ، ސިޔާސީ ކަންތައްތަކުގެ ކުލަވަރުޖެހި ބައެއް ފަހަރަށް އިނގިރޭސިވިލާތާއެކު އޮތް ގުޅުން ނުބައި ގޮތުގައި މާނަކުރި ކަމުގައިވިޔަސް އަސްލު ހަގީގަތުގައި ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިވާ ކަމަށެވެ. އަދި ތިމާވެށީގެ ދާއިރާ، އިގްތިޞާދީ ދާއިރާ ފަދަ ދާއިރާތަކުން ކުރަމުން އަންނަ މަސައްކަތްތައްވެސް އިތުރުވަމުން އަންނަކަން ސަފީރު ފާހަގަ ކުރެއްވިއެވެ.

ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރިތާ 50 އަހަރަށްވުރެ ގިނަ އަހަރުވެފައިވާ އިރު އިނގިރޭސިވިލާތަކީ ރާއްޖެއިން ހާރިޖީ ގުޅުން ގާއިމްކުރި ފުރަތަމަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ރާއްޖޭގެ ފަތުރުވެރިކަމާއި، މަސްވެރިކަމުގެ ސިނާއަތުގައި އިނގިރޭސިވިލާތް މިއަދުވެފައިވަނީ މުހިންމު ދައުރެއް އަދާކުރާ މާކެޓަކަށެވެ.