05 Jan 2018, 15:04
ޅ. ހިންނަވަރު ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ގުދަނުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފިއެވެ.
އަލިފާންގަނޑު ނިއްވާލީ ޅ. ނައިފަރުގައި މަސައްކަތްކުރާ ސިފައިންގެ މަސައްކަތުންނެވެ. އެ ގުދަނުގައި ރޯވެފައި ވަނީ މިއަދު މެންދުރުފަހު 13:30 ހާއިރެވެ.
އެމްއެންޑީއެފް އިން ބުނީ، އަލިފާންގަނޑު ނިއްވާލީ 14:30 ހާއިރު ކަމަށާއި ރޯވި ގުދަނުގައި ހުރީ 80 ޕްލާސްޓިކް ޑަސްޓްބިން އާއި އެއް ކަޅު ހަމެވެ.
ފެނަކަ ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ހިންގާ އެ ސެންޓަރުގެ ގުދަނުގައި ރޯވެފައިވާ އިރު، އެ ގުދަނުގައި ހުރި ހުރިހާ ސާމާނެއް ވަނީ އަނދާ ހުލިވެފަ އެވެ.
ހިންނަވަރު ކައުންސިލްގެ ރައީސް އަބްދުﷲ އިބްރާހިމް ވިދާޅުވީ، އެ ގުދަނުގައި ހުންނާނީ ކުނި ކޮށީގައި ބޭނުން ކުރާ ބައެއް ސާމާނު ކަމަށާއި އިތުރު އެއްވެސް އަގުބޮޑު މުދަލެއް ނުހުންނާނެ ކަމަށެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ، ގުދަނުގައި ރޯވި އަލިފާންގަނޑު ފެތުރުމުގެ ފުރުސަތު ވަރަށް ކުޑަވާނެ ކަަމަށާއި ސަބަބަކީ އެ ކުނިކޮށްޓަކީ އަދި ކުނި އެޅުމަށް ބޭނުން ކުރަން ފަށާފައިނުވާ ތަނަކަށް ވާތީ ކަމަށެވެ. އަދި އެއްވެސް މީހަކަށް ގެއްލުންވި ކަމުގެ ރިޕޯޓެއް އަދި ލިބިފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ވިދާޅުވީ، ހިންނަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު މިއަދު މެންދުރުފަހު 13:45 ހާއިރު ލިބިފައިވާ ކަމަށާއި ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ހިންނަވަރުން ވާހަކަ ދެއްކި މީހަކު ބުނީ، ކުނިކޮށީގައި ހުންނަ ގުދަނުގައި ރޯވީ ކުޑަކުދިންތަކެއް ކުޅެން އުޅުމުގެ ތެރޭގައި ކަމަށް ރަށު ތެރޭގައި ވާހަކަ ދެކެވޭ ކަމަށެވެ.